ޚަބަރު

އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލް ދުވަހަކުވެސް ނުބަލާނަން: އެމްބާޕޭ


  • އެމްބާޕޭގެ އުންމީދަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުން

2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ދުވަހަކުވެސް ނުބަލާނެކަމަށް އެފައިނަލްގައި ނާކާމިޔާބީ އާއި ކުރިމަތިލީ ފަރަންސޭސިވިލާތު ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ހާމަކޮށްފިއެވެ.

2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލާއި އެމްބާޕޭ ކުރިމަތިލީ 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށް ހޯދުނު ކާމިޔާބީއާއެކު ޖެހިޖެހިގެން ދެވަނަ ފަހަރަށް ވާރލްޑް ކަޕްގެ ތަށި އުފުލާލުމުގެ އުންމީދާއެކުއެވެ. ނަމަވެސް އެމެޗުގައި ފަރަންސޭސީންނަށް ލިއޮނެލް މެސީގެ ކެޕްޓަން ކަމުގެ ދަށުން ނިކުން އާޖެންޓީނާ ބަލިކުރެވޭގޮތެއްނުވިއެވެ. މިމެޗުގައި އެމްބާޕޭ ތިން ލަނޑު ޖަހާ ހެޓްރިކެއް ހެދުމުގެ އިތުރުން ޕެނަލްޓީ ޝޫޓް އައުޓްގައި އޭނާ ޖެހި ޕެނަލްޓީވެސް ކާމިޔާބު ކުރިއެވެ. ނަމަވެސް މިއާއެކުވެސް އެމުބާރާތް ފަރަންސޭސީންނަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މީގެކުރިން ވާރލްޑް ކަޕް ފައިނަލް މެޗެއްގައި ހެޓްރިކް ހެދިފައިވަނީ އެންމެ ކުޅުންތެރިޔަކަށެވެ. އެއީ 1966 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އިންގްލަންޑްގެ ޖެއޮފް ހާރސްޓްއެވެ. އޭނާ ހެޓްރިކް ހަދާފައިވަނީ ކުރީގެ ހުޅަނގު ޖަރުމަނާއި ދެކޮޅަށެވެ. 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗު 3 ލަނޑު 3 ލަނޑުން އެއްވަރުވެ އާޖެންޓީނާ ތަށި އުފުލާލައިފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

އެމްބާޕޭ ގަބޫލް ކުރާގޮތުގައި 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗަކީ ވާރލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ފައިނަލް މެޗެވެ. އޭނާ ހާމަކުރިގޮތުގައި އެމެޗުގައި ކުޅިބެލުންތެރިންނަށް ހުރިހާ ކަމެއް އިހްސާސް ކޮށްލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާކަމަށެވެ. މީގެތެރޭގައި މެޗުގެ ފޯރި އާއި ދެޓީމުގެ ދެމެދުގައި ފެނިގެންދިޔަ ވާދަވެރި ކަމާއި މެޗުގެ އޮއެވަރު ބަދަލުވަމުންދިޔަ ގޮތާއި އަދި ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކުޅިބެލުންތެރިންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު ވަގުތުތައްވެސް ބޮޑު ދައުރެއް އަދާކުރިއެވެ. އެމެޗުގައި އޮތީ މެސީ ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ތަށި ނެގުން ނޫނީ ފަރަންސޭސީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ކާމިޔާބު ކުރުން ކަމުން ކޮންމެ ގޮތަކަށް ނިމިގެންދިޔަ ނަމަވެސް އެމެޗު އޮތީ ތާރީހްގެ ތެރެއަށް ވަދެގެންދާގޮތަށެވެ.

އެމްބާޕޭ ހާމަކުރިގޮތުގައި އޭނާ އެމެޗު ދުވަހަކުވެސް އަލުން ނުބަލާކަމަށެވެ. އަދި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާ ގަބޫލް ކުރާގޮތުގައި އެމެޗު އޭނާ ބަލައިފިނަމަ އެކަމުގެ ނޭދެވޭ އަސަރު އޭނާއަށް ކޮށްފާނެތީއެވެ. އެމްބާޕޭވަނީ އެންމެ ފަހުން ކުޅުނު ދެ ވާރލްޑް ކަޕްގައި 12 ލަނޑު ޖަހާ 14 ލަނޑު ޖެހުމުގައި ސީދާ އަދި ނުސީދާ ގޮތުން ބައިވެރިވެފައެވެ. މިއީ މިދެ ވާރލްޑް ކަޕަށް ބަލާއިރު އެހެން އެއްވެސް ކުޅުންތެރިޔަކަށް ހަމަހަމަ ކުރެވިފައިވާ ނަތީޖާ ތަކެއް ނޫނެވެ.

1998 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި ފަރަންސޭސީން ވާރލްޑް ކަޕްގެ ތަށި އުފުލާލިފަހުން މިހާތަނަށް ކުޅުނު ހަތް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގައި ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި މިފަހަރުގެ މުބާރާތުގައި ފަރަންސޭސީންގެ އުންމީދަކީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވާރލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށް ތިން ފަހަރުގެ ތެރޭގައި ދެ ފަހަރު ތަށި ކާމިޔާބު ކުރުމެވެ. މީގެކުރިން ޖެހިޖެހިގެން ތިން ފަހަރު ވާރލްޑް ކަޕްގެ ފައިނަލުން ޖާގަހޯދިފައިވަނީ ކުރީގެ ހުޅަނޑު ޖަރުމަނާއި ބްރެޒިލްއެވެ.