ކުޅިވަރު

ޕޯޗުގަލް އާއި ބެލްޖިއަމްވެސް މެޗު ކާމިޔާބު ކޮށްފި


  • ޕޯޗުގަލްއިން ޗިލީ ބަލިކުރިއިރު ބެލްޖިއަމްވަނީ ޓިއުނީޝިއާ ބަލިކޮށްފަ

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޕޯޗުގަލް އާއި ބެލްޖިއަމް ކުޅުނު ރަހްމަތްތެރިކަމުގެ ދެމެދު އެޓީމު ކާމިޔާބު ކޮށްފިއެވެ.

ވާރލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް އިން ޗިލީ އާއި ދެކޮޅަށް ކުޅުނު ބައިނަލް އަޤްވާމީ ރަހްމަތްތެރިކަމުގެ މެޗު ޕޯޗުގަލް އިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު އެއް ލަނޑުންނެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލް އިންނެވެ. މިމެޗުގެ ކުރީކޮޅު ޕޯޗުގަލްއަށް ލީޑު ނަގައިދޭނެ ރަނގަޅު ދެ ފުރުސަތު ރުބެން ޑިއާޒް އާއި ރަފައެލް ލިއާއޯއަށް ލިބިގެންދިޔައެވެ. މިގޮތުން ޑިއާޒްގެ ހަމަލާ ޗިލީގެ ކީޕަރ ދިފާއު ކުރިއިރު ލިއާއޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑުއަށެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމެން 9 މިނެޓަށް ވެފައިވަނިކޮށް ޕޯޗުގަލްގެ ތަޖްރިބާކާރު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޗިލީގެ ގޯލަށް ބޯޅަ ވައްދާލާ އެޓީމަށް ލީޑު ނަގައިދެވުނު ކަމަށް ހީވި ނަމަވެސް މިލަނޑުވަނީ އޮފް ސައިޑް ވުމުގެ ސަބަބުން ބަލައިނުގެންފައެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޗިލީގެ ފިލީޕޭ ފައުންޑޭޒް އާއި ޕޯޗުގަލްގެ ޖާއޮ ކޮންސޭލޯގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއަށް ދެޓީމުގެ ކުޅުންތެރިން ވަދެ އެކަން ނިމިގެންދިޔައީ ޕޯޗުގަލްގެ ލިއާއޯ އާއި ޗިލީގެ އިވާން ރޯމަންއަށް ރަތް ކާޑު ދެއްކިގެންނެވެ. މިދެ ކުޅުންތެރިންނަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިޔާގެ ގަޔަށް އަތްލާފައިވާތީއެވެ.

މިމެޗުގެ ދެވަނަ ހާފަށް ޕޯޗުގަލްއިން ނިކުތީ އެޓީމުގެ ކެޕްޓަން ރޮނާލްޑޯގެ ބަދަލުގައި ގޮންކާލޯ ގުއެޑޭޒް އަރުވައިގެންނެވެ. އަދި އޭނާ ވަނީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 58 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދީފައެވެ. އަދި ފެނާންޑޭޒްވަނީ މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު މިމެޗުގައި ޕޯޗުގަލްއަށް 2 ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މިމެޗުގައި ޗިލީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ކޫލަސް ކަޕޭޑާއެވެ. ވާރލްޑް ކަޕް ފެށުމުގެ ކުރިން ޕޯޗުގަލްއިން ވަނީ ރަހްމަތްތެރިކަމުގެ އިތުރު އެއް މެޗު ކުޅުމަށް ނިންމައިފައެވެ. އެއީ މިއަންނަ ބުދަދުވަހު ނައިޖީރިއާ އާއި ދެކޮޅަށެވެ.

ވާރލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމް އާއި ޓިއުނީޝިއާގެ މެދުގައި ކުޅުނު ބައިނަލް އަޤްވާމީ ރަހްމަތްތެރިކަމުގެ މެޗު ބެލްޖިއަމް އިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށްވުރެ ފަސޭހަ ކަމާއެކު 5 ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ބެލްޖިއަމްއިން ކާމިޔާބު ކުރި ފަސް ލަޏޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިއާންޑްރޯ ޓްރޮސާޑްއެވެ.

މިމެޗުގެ ފުރަތަމަ ހާފު މިނަތީޖާ އަށް ބަދަލެއް ނައިސް ނިމިގެންދިޔަ ނަމަވެސް ދެވަނަ ހާފު ވެގެންދިޔައީ ހަތަރު ލަނޑު ބެލްޖިއަމްގެ ފަރާތުން ފެނިގެންދިޔަ ހާފަކަށެވެ.

މިމެޗުގައި ބެލްޖިއަމްގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ޗާލްސް ޑި ކެޓެލާރަ ޖަހައިދިން އިރު ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެވިން ޑި ބްރުއިނަރއެވެ. އަދި ހަތަރު ވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޑޯޑީ ލުކެބާކިއޯ ޖަހައިދިން އިރު ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ ނިކޮލަސް ރަސްކިންއެވެ.

މިމެޗުގައި ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން ޖެރެމީ ޑޮކޫވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ކުރިއަށް އޮތް ވާރލްޑް ކަޕްގައި ބެލްޖިއަމްގެ ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލޭ އެއް ކުޅުންތެރިޔަކީ ޑޮކޫއެވެ.