ކުޅިވަރު

އާޖެންޓީނާގެ ބެލާޑީ އަނިޔާގެ ސަބަބުން ވަރލްޑް ކަޕާ ދުރަށް


  • ބެލާޑީގެ ފަޔަށް އަނިޔާވެފައިވަނީ ޓްރެއިނިންގގެ ތެރޭގައި

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށެން ކުޑަތަން ވެފައިވަނިކޮށް އާޖެންޓީނާގެ ޑިފެންޑަރ ލިއޮނާޑޯ ބެލާޑީ އަށް އަނިޔާވެ މިމުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ބެލާޑީއަށް އަނިޔާގެ ސަބަބުން މިފަހަރުގެ ވާރލްޑް ކަޕްގައި ނުކުޅެވޭކަން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންއިންވެސް ވަނީ ޔަގީންކޮށްދީފައެވެ. އޭ.އެފް.އޭ. އިން ހާމަކުރިގޮތުގައި ބެލާޑީގެ ކަނާތު ފައިގެ މަސްގަނޑަށްވަނީ އަނިޔާވެފައެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ވާރލްޑް ކަޕްގައި ވާދަކުރާ އާޖެންޓީނާ ޓީމުގައި އޭނާ ނުހިމެނޭނެކަންވެސް އެފަރާތުން ކަށަވަރުކޮށްދީފައެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އޮލިމްޕިކް މާސޭއަށް ކުޅެމުންދާ ބެލާޑީގެ ފައިގެ މަސްގަނޑަށް އުނދަގޫތަކެއް ވަމުންދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އަދި ފައިގެ މަސްގަނޑަށް އަނިޔާވެފައިވަނީ ޓެކްސަސްގައި ބޭއްވި ޓްރެއިނިންގގެ ތެރެއިންނެވެ. ބެލާޑީއަށް އަނިޔާވުމުގެ ސަބަބުން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީއަށް މިވަނީ އޭނާގެ ބަދަލުގައި އެހެން ޑިފެންޑަރެއް ޓީމަށް ނަގަން ޖެހިފައެވެ.

ތަށި ދިފާއު ކުރުމަށް މިފަހަރުގެ މުބާރާތުގައި ނިކުންނަ އާޖެންޓީނާއަށް އަލަށް ނެގޭ ޑިފެންޑަރު ނެގުމަށް ހަމަޖެހިފައިވަނީ އާޖެންޓީނާއިން ކުރިން އެކުލަވާލި 55 ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ޑިފެންޑަރުންގެ ތެރެއިންނެވެ. މިގޮތުން މިޖާގައަށް ނަގާނެކަމަށް ބެލެވިފައިވަނީ މާކޯ ސެނޭސީ، ލޫކަސް މާޓިނޭޒް ކުއާޓާ، ޖާމަން ޕަޒޭޔާ، ޒައިޑް ރޮމޭރޯ އަދި ލައުޓާރޯ ޑި ލޯޔޯގެ ތެރެއިން ނެވެ.

ބެލާޑީއަށް އަނިޔާވެފައިވާއިރު ސްކަލޯނީ އަންނަނީ އެހެން ބައެއް ކުޅުންތެރިންގެ ފިޓްނަސް މޮނީޓަރ ކުރަމުންނެވެ. މިގޮތުން ނަހުއެލް މޮލީނާ، ގޮންޒާލޯ މޮންޓިއެލް އަދި ނިކޮލަސް ޕާސް ޓީމާއި ދުރުގައި އަމިއްލައަށް ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު ކީޕަރ އެމިލިއާނޯ މާޓިނޭޒް، ކެޕްޓަން ލިއޮނެލް މެސީ އަދި ހުނަރުވެރި ފޯވަޑް ހޫލިއަން އަލްވަރޭޒް އަންނަނީ ލިބިފައިވާ އަނިޔާއިން ރިކަވަރ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އާޖެންޓީނާ މިފަހަރު ހިމެނިފައިވަނީ އަލްޖީރިއާ، އޮސްޓްރިއާ އަދި އުރުދުން އާއެކު ގްރޫޕް ޖޭ ގައެވެ. އަދި ފުރަތަަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ނިކުންނާނީ އަލްޖީރިއާ އާ ދެކޮޅަށެވެ.