ޚަބަރު

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 84 މެޑިކަލް އިވެކުއޭޝަން


  • އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑުގެ ފަސްޓް ސްކޮޑްރަންއިން

  • ފަސްޓް ސްކޮޑްރަންއިން 54 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވޭ

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތްތަކެކެވެ.

މިއޮޕަރޭޝަންތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ފުރަތަމަ ސްކޮޑްރަންއިން 54 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވާއިރު، ސެކަންޑް ސްކޮޑްރަންއިން ވަނީ 10 އިވެކުއޭޝަން ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ތަރޑް ސްކޮޑްރަންއިން 16 އިވެކުއޭޝަން އަދި ފޯތު ސްކުއަޑްރަންއިން 4 އިވެކުއޭޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ އިތުރުން، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެވެ. ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އުޅަނދުފަހަރަށް ދިމާވާ ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކޯސްޓްގާޑުން ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

ޚާއްޞަކޮށް މޫސުން ގޯސްވާ ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ، ކޯސްޓްގާޑުން ދަނީ 24 ގަޑިއިރު ތައްޔާރީ ހާލަތުގައި އޮވެ، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ރައްޔިތުންނާ މުދާ ސަލާމަތްކުރުމުގައި އެހީތެރިވުމުގެ އިތުރުން އުޅަނދުފަހަރަށް ދިމާވާ ފަންނީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިފަދަ ކޮންމެ ހާދިސާއެއްގައިވެސް ކޯސްޓްގާޑުގެ ސިފައިން ދައްކުވައިދެނީ ނަމޫނާ ހިތްވަރަކާއި ގައުމީ ޚިދުމަތުގެ މަތިވެރި ރޫހެކެވެ.

ޞިއްޙީ އަވަސް ފަރުވާ ބޭނުންވާ ބަލިމީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި ކޯސްޓްގާޑުން އަދާކުރާ ދައުރަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ތަސައްލީއެކެވެ. ރާއްޖޭގެ ޖަޒީރާވަންތަ ގޮތުގެ ސަބަބުން ދަތުރުފަތުރުގެ ދަތިތައް ހުންނަ ހާލަތްތަކުގައި، ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކުރިއަށްގެންދާ މިފަދަ އިވެކުއޭޝަންތަކަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.