މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދުގެ މަގުތައް އެއްކޮށް ބަންދުކުރުމަށް ނިންމައިފިއެވެ.
މާދަމާއިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތަށް މިއަދު މެންދަމު 00:00 އިން ފެށިގެން މަސައްކަތް ކުރިއަށްދާ ސަރަހައްދު އެއްކޮށް ބަންދުކުރެވޭނެ ކަމަށެވެ. މިގޮތުން އެއްކޮށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގެ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. ފުލުހުން ވަނީ ބަންދުވާ ސަރަހައްދު އަންގައިދޭ ޗާޓެއްވެސް އާންމުކޮށްފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތަށް 2026 ޖޫން 7 ވަނަ ދުވަހުގެ 00:00 އިން ފެށިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތައް ބަންދުކުރެވޭނެ ވާހަކަ ދަންނަވަމަވެ. pic.twitter.com/AcRIcYDoW3
— Maldives Police (@PoliceMv) June 6, 2026
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ސެގްމަންޓް 4 ގެ ސަބް-ގްރޭޑިންގ މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މަޝްރޫއުގެ ކޮންޓްރެކްޓާ އެމްޓީސީސީން ވިދާޅުވީ، ދުވާރު ހެދުމާއި، ފެން ހޮޅި އެޅުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތުގެ 52 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ނަރުދަމާ އާއި ފެނުގެ އާ ކަނެކްޝަންތައް ދީ ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.
މަޝްރޫއުގެ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، ފެންބޮޑުވުން ހައްލުކުރުމަށް ގާއިމުކުރާ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ޖޫން މަހުގެ މެދުތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މި ހަފުތާގެ ތެރޭގައި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަހައްދެއްގައި ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި އެ މަގު ފެހިކުރުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.