ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ލަފާދީފައިވާ ގޮތަށް ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ދާން ބޭނުންވާ ވިސާ ޖެހުމަށް އިރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޕާސްޕޯޓުތައް ތުރުކީގައިވާ އެމެރިކާގެ އެމްބަސީއާ ހަވާލު ކޮށްފި އެވެ.
އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މަސްރަހު ގޯސްވެފައިވާއިރު އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް ވިދާޅުވީ ފީފާއާއެކު އިއްޔެ ކުރެވުނު މަޝްވަރާތަކުން އުއްމީދު އާވެފައިވާ ކަމަށެވެ. އަދި އޭނާ އުއްމީދު ކުރަނީ އެއްވެސް އުޒުރެއް ނެތި އިރާނުގެ ޑެލިގޭޝަނުގެ އެންމެނަށް އެމެރިކާ އަށް އެތެރެވުމަށް ވިސާ ލިބޭނެ ކަމަށް ކަމަށެވެ.
"ދެ ދުވަހެއްގެ ތެރޭގައި މިކަން ހަމަޖެހޭނެ ކަމަށް މި ބަލަނީ. އަހަރުމެންގެ ޑެލިގޭޝަނުގެ ބައެއް މީހުންނަށް ވިސާ ދީފައި އަނެއް ބަޔަކަށް ނުދީފިނަމަ ދެން ކަންކުރަންވީ ގޮތް ނިންމާނީ އެ ހިސާބުން އަހަރުމެން. ވިސާގެ ކަންކަން ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށް އަހަރެން އަންދާޒާ މި ކުރަނީ. ސަބަބަކީ ޕާސްޕޯޓް ލިބިގެން އަހަރުމެންނަށް (ހޮނިހިރު ދުވަހު) މެކްސިކޯ އަށް ދެވޭނީ ވެސް،" ތާޖް ވިދާޅުވި އެވެ.
އިރާން ވޯލްޑް ކަޕުގައި ކުޅެން ޖެހޭ ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. ނަމަވެސް އެ ގައުމުގައި ރޭ ކުރާ ގޮތަށް އީރާނުގެ ޓީމަށް ހުއްދަ ނުދޭން އެމެރިކާ ވަނީ ނިންމާފަ އެވެ. މިހެންވެ އެމެރިކާގައި ތިބުމުގެ ބަދަލުގައި އިރާނުގެ ކޭމްޕް ކުރަން ނިންމާފައިވަނީ މެކްސިކޯ ބޯޑަރު ކައިރީގައިވާ ސިޓީ، ތިއުވާނާގަ އެވެ.
އިރާނުގެ ކުޅުންތެރިންނަށް އެމެރިކާއިން ވިސާނުން ދިނުން އެކަށީގެންވެ އެވެ. ނަމަވެސް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އާއި ބައެއް އޮފިޝަލުންނަށް ވިސާ ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ)ގެ ކުރީގެ އޮފިޝަލުންނަށް އެމީހުންވާތީ އެވެ. ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން މެކްސިކޯ ފިޔަވައި ކެނެޑާ އާއި އެމެރިކާއިން ނިންމާފައިވަނީ އެއްވެސް ދުވަސްވަރެއްގައި އައިއާރުޖީސީގައި އުޅެފައިވާ މީހަކަށް ވިސާ ނުދިނުމަށެވެ.
އެމެރިކާ އަށް މެޗު ކުޅެންދާން އިރާނަށް ވިސާދިނަސް އެ މީހުން ޖެހޭނެ ކޮންމެ މެޗެއް ނިމުމާއެކު މަޑުނުކޮށް ސްޓޭޑިއަމުން އެއާޕޯޓަށް ގޮސް މެކްސިކޯ އަށް ދަތުރު ފަށާށެވެ. ވޯލްޑް ކަޕުގައި އިރާން ހިމެނެނީ ނިއުޒީލޭންޑާއި ބެލްޖިއަމާއި މިސުރާއެކު ގްރޫޕް ޖީގަ އެވެ.