ތަރައްްޤީ

މިއަހަރުގެ ޒުވާނުންގެ އެވޯޑް 11 ފަރާތަކަށް


ޒުވާނުންގެ އެވޯޑު މިއަހަރު 11 ފަރާތަކަށް ދެއްވުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ނިންމަވައިފިއެވެ.

ޒުވާނުންގެ އެވޯޑަކީ ޒުވާނުންކުރާ މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރައްވާ ހިތްވަރު ދެއްވުމުގެ ގޮތުން ދެއްވާ އެވޯޑެކެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑު ދެއްވުމަށް ހަމަޖެހިފައިވަނީ 11 ދާއިރާއަކުންނެވެ. އެވޯޑު ދެއްވުމަށް ހަމަޖެހިފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި، ކުޅިވަރަށް ޚިދުމަތްކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދު، އާރޓްސް އެންޑް ކަލްޗަރ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ދުޅަހޮޔޮ އާއިލާއެށް ބިނާކުރުމަށް މަސައްކަތްކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. މި ކޮންމެ ދާއިރާއަކުން އެކަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. ޒުވާނުންގެ އެވޯޑު ލިބޭ ކޮންމެ ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް ޔޫތް މިނިސްޓްރީން ނިންމަވާފައިވެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޔޫތް މިނިސްޓަރުގެ ނާއިބް ނާއިފް ޝައުކަތު ވިދާޅުވީ، މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ގިނަ ޙަރަކާތްތަކެއް ހިންގެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެދުވަހުގެ އެންމެ ޚާއްސަ ޙަރަކާތެއްގެ ގޮތުގައި ހަމަޖެހިފައިވަނީ، ޒުވާނުންނަށް އެވޯޑު ދެއްވުންކަމަަށް ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އެވޯޑަށް މުޅިން އާ ދާއިރާއެއް އިތުރުކުރައްވާފައިވާ ކަންވެސް ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

''އަލަށް މި އިތުރުކުރީ ތިމާވެއްޓަށް ޚިދުމަތްކުރުމުގެ ދާއިރާ. ވިޔަފާރިއާއި އިޤްތިސާދާއި، އާރޓްސް އެންޑް ކަލްޗަރ، ދަރުމަވެރިންނާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން މިދާއިރާތަކުން ކުރިން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައި'' ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، ޒުވާނުންގެ އެވޯޑަށް އެދި ހުށަހެޅުމަށް މިމަހުގެ އެކަކުން ފެށިގެން ފުރުޞަތު ހުޅުއްވާލައްވާފައިވާ ކަމަށާއި މިމަހުގެ 20 ގެ ކުރިން ފޯމުތައް ހުށައަޅަން ޖެހޭ ކަމަށެވެ. ޒުވާނުންގެ އެވޯޑަށް 36 އަހަރު ނުފުރޭ ކޮންމެ ޒުވާނަކަށް ކުރިމަތިލެއްވޭނެ ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.

އެވޯޑަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި، ޔޫތް ސެންޓަރުތަކުންނާއި، އަތޮޅުތަކުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ވީހާވެސް ގިނަ ޒުވާނުން މި އެވޯޑަށް ކުރިމަތިލެއްވުމަށް ޔޫތް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.