ޚަބަރު

އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކުން ކިޔެވުމަށްވެސް ޒަކާތު ސްކޮލަރޝިޕަށް މިހާރު ހުށަހެޅޭނެ


  • ސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ ޖުލައި 16ގެ 14:00އާ ހަމައަށް

  • ޕްރޮޕޯސަލް ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް

މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން، ކަނޑައަޅާފައިވާ އިސްލާމީ ދާއިރާތައް ނޫން އެހެން ދާއިރާތަކުން ކިޔެވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމަށް ޒަކާތު ހައުސްއިން ހުޅުވާލީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހުއެވެ.

މިސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން މާސްޓާސް ލެވެލް 9 ފުރުސަތާއި ޕީއެޗްޑީއަށް ކިޔެވުމުގެ 10 ފުރުޞަތުވަނީ ހުޅުވާލާފައެވެ.

އެގޮތުން އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މީގެއިތުރުން ސްކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

މި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ވަނީ ޚާއްޞަކުރެވިފައެވެ.

މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ވެސް ތަޢާރަފުކޮށްފައިވެއެވެ. އެގޮތުން މިހާރު ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕަންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް މީގެތެރޭގައި ހިމެނެއެވެ.

މިސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ އަންނަ ޖުލައި މަހުގެ 16ވާ ބުރާސްފަތި ދުވަހުގެ 14:00އާހަމައަށެވެ. އެޕްލިކޭޝަން އަދި ޕްރޮޕޯސަލް ހުށަހެޅޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.