ޚަބަރު

އާއީ ސްޕޯޓްސް، ވިލިނިގިލި ޒުވާނުންގެ ޖަމިއްޔާ އަދި ޔުނައިޓެޑް ހެންވޭރިއަންސްއަށް މޮޅެއް


  • ލީގުގެ ފިރިހެން ޑިވިޝަނުގެ ކުޅުންވަނީ ފަށާފަ

  • މުބާރާތް ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

  • ފިރިހެން ޑިވިޝަނުގައި 13 ޓީމަކުން އަދި އަންހެން ޑިވިޝަނުގައި 24 ޓީމަކުން ވާދަކުރޭ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ތިންވަނަ ދުވަހުގެ މެޗުތައް ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސް، ޔޫތް ނިއު ޖެނެރޭޝަން، ވިލިނިގިލި ޒުވާނުންގެ ޖަމިއްޔާ އަދި ޔުނައިޓެޑް ހެންވޭރިއަންސްއިން ކާމިޔާބުކޮށްފިއެވެ.

ތިންވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗަކީ އަންހެން ޑިވިޝަނުގެ މެޗަކަށްވާއިރު، ވާދަވެރި މިމެޗު ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ކާމިޔާބުކޮށްފަވަނީ 3-2 ސެޓުން ސިޓީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފަސް ސެޓަށް ދިޔަ މިމެޗުގެ ސެޓުތައް ދިޔަގޮތަށް ބަލާއިރު، މެޗުގެ ލީޑު ސިޓީ ސްޕޯޓްސް ކްލަބުން 18-15 އިން ނަގާފަވަނިކޮށް، ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުންވަނީ ފަހަތުންއަރާ 18-13 އިން މި ސެޓު ނަގާފައެވެ.

ތިންވަނަ ސެޓު 18-07 އިން ކާމިޔާބުކޮށް ސިޓީ ސްޕޯޓްސް ކްލަބުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފަވަނިކޮށް، ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުންވަނީ 18-10 އިން އަނެއްކާވެސް މެޗު އެއްވަރުކޮށްފައެވެ. މިމެޗުގެ ފަހު ސެޓު ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ކާމިޔާބުކޮށް މެޗު ނަގާފަވަނީ 15-13 ގެ ހަނި ތަފާތަކުންނެވެ.

ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ފިރިހެން މެޗުތަކުގެ ކުޅުން ފަށާފަވާއިރު، ފުރަތަމަ މެޗު ކާމިޔާބުކޮށްފަވަނީ އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސްއެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 3-1 ސެޓުން މާތޮޑާ ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 18-14، 10-18، 18،16 އަދި 18-15 އިންނެވެ.

އިއްޔެގެ ދެވަނަ މެޗު ޔޫތް ނިއު ޖެނެރޭޝަނުން ނަގާފައިވާއިރު، އެޓީމުން މެޗު ކާމިޔާބުކުރީ ތިން ސެޓުން އައްޑޫ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ 18-14، 18-12 އަދި 18-08 އިންނެވެ.

ފިރިހެން ޑިވިޝަނުގެ ތިންވަނަ މެޗު ވިލިނިގިލި ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން މުނީޒް ވޮލީބޯލް މޫވްމެންޓުގެ ގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިގެންނެވެ. މިމެޗު ވިލިނިގިލި ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބުކުރީ 18-09، 18-12 އަދި 18-11 އިންނެވެ.

އިއްޔެގެ ފަހު މެޗުވެސް ފާހަގަވީ ފަސޭހަ މެޗެއްގެ ގޮތުގައެވެ. އެގޮތުން ޔުނައިޓެޑް ހެންވޭރިއަންސްއިންވަނީ ހަމަޖެހިލައިގެން ތިބެ ސީދާ ތިން ސެޓުން ކްލަބް ހާފްލައިން ލިންކޭޖް ބަލިކޮށްފައެވެ. މިމެޗުގެ ސެޓުތައް ދިޔައީ 18-15، 18-08 އަދި 18-15 އިންނެވެ.

ލީގުގެ މިއަދުގެ ޝެޑިއުލަށް ބަލާއިރު، އަންހެން ޑިވިޝަނުގައި މިއަދު ފަސް މެޗު ކުޅޭގޮތަށްވަނީ ތާވަލުކޮށްފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްމައިލް ސްޕޯޓްސް ކްލަބު އަދި ހެޕީ ސްޕޯޓްސް ކްލަބެވެ. އެޔަށްފަހު ރާއްޖެ ވޮލީ ކުލަބު އަދި ގުޑީސް ސްޕޯޓްސް ކްލަބު ބައްދަކުރާނެއެވެ. ތިންވަނަ މެޗުގައި ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަނާއި ކަނބަލުން ސްޕޯޓްސް ކްލަބު ވާދަކުރާއިރު، ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ނުކުންނާނީ ސްޕޯޓްސް ކްލަބު ދިރުމާ ދެކޮޅަށެވެ. ފަސްވަނަ މެޗުގައި ޔޫތް ނިއު ޖެނެރޭޝަން ނުކުންނާނީ އަލްމާ ސްޕޯޓްސް ކްލަބެވެ. ފިރިހެން ޑިވިޝަނުގެ އެއްވެސް މެޗެއް މިއަދަށް ތާވަލުކޮށްފަވާއިރު، ފިރިހެން ޑިވިޝަނުގެ ކުޅުން ދެން ކުރިއަށްދާނީ މާދަމާއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުގެ ކުޅުން މިމަހުގެ 1 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާނެއެވެ. އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މިމަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، މި ޑިވިޝަނުގައި ހަތަރު ޕޫލަށް ބަހާލާފަވާއިރު، 13 ޓީމަކުން ވާދަކުރެއެވެ.