ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުން ބޮޑުތަކުރުފާނު ތާރުއަޅަނީ


އިންޑަސްޓްރިއަލް ވިލެޖާ ގުޅިގެން ބޮޑުތަކުރުފާނު މަގަށް އޮންނަ ބައިގައި ތާރު އެޅުއްވުމުގެ މަސައްކަތް މި މަހުގެ 14 ވަނަ ދުވަހު ފަށްޓަވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި މަހުގެ 14 ވަނަ ދުވަހު، ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށާއި، މިކަން ވެގެންދާނީ ތާރީޚީ މަސައްކަތަކަށް ކަމަށެވެ.

"މިކަން ވާނީ ވަރަށް ތާރީޚީ މަސައްކަތަކަށް. އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި މިހާރު ތާރު އަޅައި މުގުތައް ހަދެމުންދަނީ އެކަމަކު މާލޭގެ މަގެއްގައި ފުރަތަމަ ފަހަރަށް ތާރުއަޅަނީ." ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދިމާވި ބައެއް ސަބަބުތަކާހުރެ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތްތައް ލަސްވި ނަމަވެސް ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖްގައި ޢިމާރާތްކުރަން ނިންމަވާފައިވާ މަލްޓި ސްޓޯރީ ބިލްޑިންގ އެޅުމަށް ވަރަށް އަވަހަށް ބިޑަށް ހުޅުއްވާލައްވާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ އުސޫލްތައް އެކުލަވާލުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ދެކުނު ފަރާތުން 6.9 ހެކްޓަރުގެ ބިން ހިއްކައިގެން އުފެއްދެވި އިންޑަސްޓްރިއަލް ވިލެޖަކީ، މާލެތެރޭގައި ހުރި ގަރާޖްތަކާ ވާރކްޝޮޕްތަކާއި ކެމިކަލް ގުދަންތައް ބަދަލު ކުރެއްވުމަށް ސަރުކާރުން ތަރައްޤީ ކުރައްވަމުން އަންނަ ސަރަހައްދެކެވެ. މިތަނުގައި މާލޭގެ ކުނި މެނޭޖް ކުރުމަށް ވޭސްޓް ޔާރޑެއް ހެއްދެވުމަށްވެސް ބޮޑެ ސަރަޙައްދެއް ކަނޑައަޅުއްވާފައިވެއެވެ.