ކޮންގޯގައި އެބޯލާ ފެތުރޭތީވެ އެ ގައުމާއެކު ސްޕޭން ކުޅެން އޮތް ފުޓްބޯޅަ މެޗު ފަސްކޮށްފި އެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން އަންނަ އަންގާރަ ދުވަހު ސްޕޭނުގެ ލަ ލިނެއާގައި ކުޅެން އޮތް މެޗު ކެންސަލް ކުރީ އެ ސިޓީގެ މޭޔަރުގެ ހާއްސަ ގަރާރަކުންނެވެ.
"އަހަރެން ވާނީ ގަރާރުގައި ސޮއިކޮށްފައި މި މެޗު ކެންސަލް ކުރަން. މި ނިންމުމަކީ އަންދަލޫސިއާގެ ސަރުކާރުގެ ސިއްހީ މާހިރުންގެ ލަފާގެ މަތިން އެންމެންގެ ރައްކަލަކަށް ނިންމި ނިންމުމެއް،" މޭޔަރު ވިދާޅުވި އެވެ.
1974ގެ ފަހުން ވޯލްޑް ކުޅެން ތައްޔާރުވާ ކޮންގޯ ޓީމު މިހާރު ކޭމްޕް ކޮށްގެން ތިބީ ބެލްޖިއަމުގަ އެވެ. އެއީ ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ދިއުމުގެ 21 ދުވަސް ކުރިން ކަރަންޓީން ވާން އެ ގައުމުން މަޖުބޫރު ކުރުމުންނެވެ. މިހެންވެ އަމިއްލަ ގައުމުގައި ކޭމްޕް ކުރުމުގެ ބަދަލުގައި ބެލްޖިއަމުގައި ރައްކާތެރިކަން ހޯދި ކޮންގޯ ޓީމު ވޯލްޑް ކަޕަށް ތައްޔާރުވާން ޑެންމާކާއެކު މެޗު ކުޅޭނީ ވެސް ބެލްޖިއަމުގަ އެވެ.
ކޮންގޯ އަކީ އެފްރިކާ ސަރަހައްދުގައި އެންމެ ބާރަށް އެބޯލާ ފެތުރެމުންދާ ގައުމެވެ. ހާއްސަކޮށް އެ ގައުމުގެ އިރުމަތީގައި މިދިޔަ މެއި މަހުން ފެށިގެން އެބޯލާ ދަނީ ބާރަށް ފެތުރެމުންނެވެ.
ވޯލްޑް ކަޕުގައި ކޮންގޯ ހިމެނެނީ ޕޯޗުގަލް އާއި އުޒުބަކިސްތާނާއި ކޮލޮމްބިއާއާއެކު ގްރޫޕް ކޭގަ އެވެ.