މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކުރިމަތިވި ދަތިތައް ޙައްލުކުރެވި، ދާދި އަވަހަށް މަޝްރޫޢުތައް ހަލުވިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުންފުނިތަކާ ޙަވާލުކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފެއްޓެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ޙައްލުކުރެވި، ދުވެލި ހަލުވިވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައި، މިފަދަ ބައެއް މަޝްރޫޢުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
އެމަނިކުފާނު މައުލޫމާތު ހާމަކުރެއްވި މަޝްރޫޢުތަކަށް ބަލާއިރު، ގުޅީފަޅުގެ މަޝްރޫޢުގެ މަސައްކަތް ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އާރުޑީސީން އަލަށް ގެނައި އުޅަނދުތަކުގެ ތެރެއިން އެ މަސައްކަތަށް ބައެއް އުޅަނދުތައް ގެންގޮސް، އެމަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މިމަސައްކަތްތަކާއެކު ގުޅީފަޅުން ގޯތި ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމާލޭގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫޢުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ގިރާވަރުފަޅުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް މަޑުޖެހުމެއް އައިސްފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުތަކަށް އަޅާ ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ. މިދަތިތައް ޙައްލުކޮށް މަޝްރުޢޫތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ.