ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ކުޅުނު މެޗުގައި ބްރެޒިލް އަތުން 6-2އިން ބަލިވުމަށްފަހު ޕެނަމާ ކުޅުންތެރިން ބްރެޒިލްގެ ތަރި ނޭމާއާއެކު ސެލްފީ ނެގުމަށް މީޑިއާގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
ވިނީޝިއުސް ޖޫނިއާ މެޗުގެ ފުރަތަމަ މިނިޓްގައި ޖެހި ގޯލާއެކު ކަސެމީރޯ އާއި ރަޔަން އަދި ލޫކަސް ޕަކޭޓާ އާއި ތިއާގޯ އާއި ޑެނީލޯ ގޯލު ޖެހި މެޗުގައި ނޭމާ ޖޫނިއާ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެކަމަކު މެޗަށް ފަހު އޭނާ ދަނޑަށް އެރުމުން ނަތީޖާގެ މަތިންގެ އެންމެން ހަނދާން ނެތުނު ކަހަލަ އެވެ. ޕެނަމާގެ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި އޮފިޝަލުން ދިގު ކިޔޫ އެއް ހެދީ އޭނާއާއެކު ފޮޓޯ ނެގުމަށެވެ.
މި މެޗުގައި ބްރެޒިލް ޖެހި ބައެއް ގޯލުތަކަކީ ޕެނަމާގެ ކީޕަރާއި ޑިފެންޑަރުންގެ ބޮޑެތި ގޯސްތައް ވެސްމެ އެވެ. ހާއްސަކޮށް ކީޕަރު ހެދި ގޯސްތަކަށް އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެފަ އެވެ. މެޗުގައި ޖެހި ގޯލުތަކާމެދު ކަންބޮޑުވުމަށްވުރެ ބޮޑަށް ޕެނަމާގެ އެންމެންގެ ފުށުން ވެސް ފެނުނީ ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ކުޅުންތެރިޔަކާ ބައްދަލުވުމުން ލިބުނު އުފަލުގެ ހަނދާންތައް ފަހަށް ރައްކާ ކުރުމަށެވެ.
އުމުރުން 34 އަހަރުގެ ފޯވަޑް އަނިޔާގައި ހުއްޓަސް ގައުމީ ޓީމަށް ނެގި އެންމެ މުހިންމު އެއް ސަބަބަކީ ވެސް އޭނާގެ މަޝްހޫރު ކަމެވެ.
ސްޕޮންސަރުންނާއި ސަޕޯޓަރުން އޭނާ ގައުމީ ޓީމުގައި ހިމަނަން ބާރު އެޅީ އެވެ. ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނޭމާ އަށް ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ވެސް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް ހިމެނެނީ މޮރޮކޯ އާއި ހައިޓީ އާއި ސްކޮޓްލޭންޑާއެކު ގްރޫޕް ސީގަ އެވެ. ޕެނަމާ ހިމެނެނީ މުބާރާތުގެ އެންމެ ވަރުގަދަ ކަމަށް ބެލެވޭ ގްރޫޕްގަ އެވެ. ގްރޫޕް އެލްގައި ހިމެނެނީ ޕެނަމާ އާއި އިނގިރޭސިންނާއި ކްރޮއޭޝިޔާ އާއި ގާނާ އެވެ.