ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލާ އަދި ފަރުވާ ދިނުމަށް ކުރެވޭ ސާޖަރީތައް ކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ޚިދުމަތެއްކަމަށް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.
ދަރުވަމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްގައި އަލަށް ތަޢާރަފް ކުރެވުނު މި ސާޖަރީއަކީ، ކުދި ކުދި ހުޅުތަކުގައި އާތްރޯސްކޯޕީގެ ވަރަށް ކުޑަކުޑަ ލޯވަޅަކުން ޖޮއިންޓް އެތެރޭގައި ހުންނަ މައްސަލަތައް ނެނޯ ނީޑަލް ބޭނުންކޮށްގެން ބަލާ އެކަމަށް ކުރާ އޮޕަރޭޝަންތަކެވެ. މިއީ މިހާރު އައިޖީއެމްއެޗްގައި ކުރަމުން އަންނަ އާތްރޮސްކޮޕިކް ސާޖަރީތަކަށް ވުރެ ކުޑަ ފެޅުމަކުން ކުރެވޭ ސާޖަރީއެކެވެ. ސާޖަރީތަކުގައި ބޭނުން ކުރާ ނެނޯ ނީޑަލް ކެމެރާއަކީ އިންޖެކްޝަން ކައްޓެއްހާ ހަނި، ގޮތްގޮތަށް ލަނބާލެވޭ ނީޑަލް ކެމެރާއެކެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ ނެނޯ ނީޑްލްގެ ސަބަބުން ވަރަށް ކުޑަ ލޯވަޅަކުން ހުޅުގެ އެތެރެ ބަލައި ދިމާވެފައިވާ މައްސަލަ ދެނަގަތުމަށް ފަސޭހަވާ ކަމަށެވެ. އައިޖީއެމްއެޗްގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓް ޑޮކްޓަރެއް ކަމަށްވާ ޑރ. އިސްމާޢިލް ޒާހިރު ވިދާޅުވީ މިއީ ކުދި ކުދި ހުޅުތަކުގެ ފަރުވާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
" ނެނޯ ނީޑަލް ކެމެރާއަކީ، ހަނި ދޭތެރެ ދޭތެރެއަށް ބެންޑްކޮށްލައިގެންވެސް ވައްދާލާ ބަލާލެވޭ ނީޑަލް ކެމެރާއެއް. މީގެއިން އަޅުގަނޑުމެން ޑައިގްނޯސްކޮށް ހުޅުތެރެއަށް ވެފައި ހުންނަ ގެއްލުންތައް ބަލާލާ މިސާލަކަށް ހުޅުތެރޭގައި ކަށިކޮޅެއް އިތުރަށް ގްރޯވެފައި ހުރިތޯ ބަލާލާ، ނޫނިއްޔާ ކާޓިލޭޖް، އޮމާން ފަށަލަ ހަލާކުވެފައި ހުރިތޯ ބަލާލައި، އަދި ވަށައިގެން ހުންނަ ލިގަމެންޓުގެ ހާލަތު ބަލާލައި ޑައިގްނޯސް ކުރުމަށް ވަރަށް ބޮޑު ފުރުސަތެއް، އެބަލިބޭ. ކެމެރާ ލައްވައިގެން ބަލާލީމަ އެމްއާރްއައި ނަހަދާ ބަލާލީމަ ޑައިގްނޯސް ކޮށްލެވޭނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް ކުދި ކުދި ހުޅުތަކުގައި ފަރުވާއަށް ލިބިގެންދާ. " ޑރ. އިސްމާޢިލް ވިދާޅވިއެވެ.
މި ޚިދުމަތާއެކު ބަލިމީހާ ސާޖަރީއަށް ފަހު އެއްކޮށް ރަނގަޅުވާން ނަގާ މުއްދަތުވެސް ކުޑަވެގެންދެއެވެ. މިކަމަށް އިޝާރާތް ކުރައްވާ އައިޖީއެމް ހޮސްޕިޓަލުގެ އެނެސްތީޝިއާ ޑިޕާޓްމެންޓް ޑރ. އައްސަދު މުހައްމަދު ޝަހީދު ވިދާޅުވީ މިއީ ސާޖަރީތައް ހެދުމުގައި ގެންގުޅޭ އުކުޅުތަކަށް މިއަންނަ ބަދަލުތަކަކީ އެނެސްތީޝިއާގަ ދޭ ފަރުވާ ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާ ކަމެއް ކަމަށެވެ. އަދި ހާލު ބޮޑު މީހުންނާއި އިތުރު މައްސަލަތައް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަދި ސާޖަރީގެ ފަހުން މިއަންނަ ތަދުތަކާއި ރިހުން ކޮންޓްރޯލް ކުރުމަށާއި ރީހެބިލިޓޭޝަންގެ ބައި ވަރަށް ބޮޑަށް މިކަމުގެ ސަބަބުން އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޮޕަރޭޝަނަށް ހޮސްޕިޓަލުގައި މީހާ މަޑުކުރަން ޖެހޭ މަޑުކުރުން، އަދި އޮޕަރޭޝަން ނިންމާލާފައި ގެއަށް ދެވޭ ދިއުންވެސް، އަވަށް ކޮށްލެވޭނެ. އެހެންވީމަ. މާނައަކީ މިކަހަލަ ކޭސްތައް މިއީ ޑޭކެއަރ ކަހަލަ ގޮތަކަށް ހަދާލެވިދާނެ ކޭސްތައް. އެހެންވީމަ މިކަހަލަ ފަރުވާތައް އިތުރުވުމަކީ އޮޕަރޭޝަން ސާވިސްތަކަށް ލިބިގެންދާ ކުރިއެރުމެއް، މީހާއަށް ލިބިގެންދާ ފަސޭހައެއް " ޑރ. އައްސަދު ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ދަނީ ހުޅުގެ ފަރުވާގައި ޒަމާނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޮކްޓޯބަރ މަހު އެހޮސްޕިޓަލުން ވަނީ ހަތަރު ގުނަ ސާފުކޮށް ފެންނަ، 4K ކޮލިޓީގެ އާތްރޮސްކޯޕިކް ކެމެރާއާއެކު ސަރޖަރީތައް ކުރަން ފަށާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލަކީ، ޓީޗިން ސްކޫލެއްކަމުން އެހޮސްޕިޓަލުގައި މިފަދަ ޒަމާނީ ވަޞީލަތްތަކާއެކު، ސަރޖަރީތައް ކުރެވޭނެ މަގުފަހިވެގެންދިޔުމަކީ، ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިންނަށްވެސް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.