ޚަބަރު

ކުޑަ ދުވަސްކޮޅެއްގައި އިބޯލާ ޖެހުނު މީހުންގެ އަދަދު ދެ ގުނަވެއްޖެ


ކޮންގޯގައި ހަލުވިކަމާއެކު އިބޯލާ ފެތުރެމުންދާއިރު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިބޯލާ ޖެހުނު މީހުންގެ އަދަދު ދެ ގުނަވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

އިރުމަތީ ކޮންގޯގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ވަގުތެއްގައި، ޑަބްލިޔުއެޗްއޯގެ ސެކެޓްރީ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް މިހާރު ވަނީ އެ ޤައުމަށް ވަޑައިގެންފައެވެ.

މި ދަތުރުގެ ބޭނުމަކީ، އާންމުންނާ ގުޅިގެން ބަލި ފެތުރުމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށް، ޑަބްލިޔުއެޗްއޯއަށް ފޯރުކޮށްދެވޭނެ އެހީތެރިކަން ދެނެގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން، ކޮންގޯގައި މި ވަގުތު އޮތް ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ އާންމުންނަށް ކަމަށާއި، އެހެންކަމުން ބަލި ފެތުރުން ހުއްޓުވުމުގެ ޙައްލު ވެސް އެނގޭނީ އާންމުންނަށް ކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންގޯގެ ކަމާގުޅޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހާ ހަމައަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 225އަށް ވަނީ އަރައިފައެވެ. މިއީ އޭގެ ދެ ދުވަސް ކުރިން ރިޕޯޓުކޮށްފައިވާ 121އަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.

ކޮންގޯގައި އިބޯލާ ފެތުރަމުންދާ ކަމަށް މި މަހުގެ 15ވަނަ ދުވަހު އެ ޤައުމުން އިޢުލާނުކުރި ފަހުން ބަލިޖެހިފައިވާ ކަމަށް ބެލެވޭ 1،000އަށް ވުރެ ގިނަ މީހުން ފާހަގަކޮށްފައިވާ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އަދި އެ ބަލީގައި މިހާތަނަށް 220 މީހުން މަރުވެފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ކޮންގޯގައި ފެތުރެމުންދާ އިބޯލާގެ ބަންޑިބޫޖޯ ސްޓްރެއިންއާ ދެކޮޅަށް ދެވޭނެ ޙުއްދަ ލިބިފައިވާ ވެކްސިންއެއް ނޫނީ ފަރުވާއެއް ވެސް ނެތް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ. އެ ޤައުމުގައި ބަލި ފެތުރުން ހުއްޓުވުން ބަރޯސާ ވަނީ އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދެވޭ މިންވަރުގެ މައްޗަށް ކަމަށް އެ އިދާރާއިން ޤަބޫލުކުރެއެވެ.

އެ ބަލި މިހާރު އަވަށްޓެރި، ޔުގަންޑާއަށް ވެސް ފެތުރިފައިވާއިރު، އެ ޤައުމުން މިހާތަނަށް 9 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.