ޚަބަރު

ހެންވޭރުގައި ޖީޕީ ކްލިނިކް ތަރައްޤީކުރަން މާދަމާ ދަމަނަވެށި ބަންދުކުރަނީ


  • ދަމަނަވެށި ދެމުން އައި ޚިދުމަތް މާލެ އަދި ހުޅުމާލެއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި

މާލޭގައި ހަދާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީ ކުރުމަށް މާދަމާ ދަމަނަވެށި ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ. ބަނދު ކުރިނަމަވެސް އެތަނުން ދެމުން އައި ޚިދުމަތްތައް އެހެން 3 ސަރަހައްދަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ދިވެހިންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގައި ޤާއިމް ކުރާ ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރ ހިންގަމުން އައި އިމާރާތް ބޭނުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

ސިއްޚަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިމާރާތް އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ދަމަނަވެށިން ދެމުން އައި ޚިދުމަތްތައް، މާލޭގައި ދޭނީ މާފަންނުގައި ޤާއިމްކޮށްފައިވާ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ކަމަށެވެ. އަދި ހުޅުމާލޭގައި މި ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމް ކުރެވިފައިވާ ޕަބްލިކް ހެލްތު ޔުނިޓުންނާއި، ފޭސް 2 ގެ 16 ވަނަ ޓަވަރުގައި ޤާޢިމްކޮށްފައިވާ ޖީޕީ ކްލިނިކް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

އާންމު ސިއްޙަތުގެ ނިޒާމުގެ ދަށުން ޤާއިމް ކުރެވިފާއިވާ ދަމަނެވެށިތަކުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، މުޖުތަމައަށް އަމާޒުކޮށްގެން ޚާއްޞަ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމާއި، ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތައް ބޭއްވުމާއި ކައުންސެލިން ޚިދުމަތްވެސް މިތަނުން ދެއެވެ.

މާލެ ސަރަހައްދުގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމް ކުރުމުގެ ކުރިއަށްދާއިރު، މި ސެންޓަރުތަކުން ދަމަނަވެށިން ޚިދުމަތްދޭ މިންވަރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް މި ސެންޓަރުތަކުން ހަމަޖައްސައިދޭނެއެވެ.
މީގެ އިތުރުން ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެއެވެ.

ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައްވެސް މި ސެންޓަރުތަކުން ފޯރުކޮށްދޭނެއެވެ އަދި، ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުތަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.