ތަރައްްޤީ

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަށް ސިޓީއަށް ވަޑައިގެންފި


ފުވައްމުލައް ސިޓީފެ ފެނާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެ ސިޓީއަށް ވަޑައިގެންފިއެވެ.

ފުވައްމުލައް ސިޓީގައި ފުރިހަމަ ނުވެ އޮތް ހަމައެކަނި ޚިދުމަތް ކަމުގައިވާ ފެނާ ނަރުދަމާ ނިޒާމް އިފްތިތާހް ކުރެއްވުމަށް ބާއްވަވާ ޚާއްޞަ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފުވައްލުމަށް ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ.

ޢަމަލީ މަސައްކަތް ފަށާތާ ދެ އަހަރު ތެރޭގައި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވާއިރު، 14000 މީހުންގެ އާބާދީއެއް ދިރިއުޅޭ މި ސިޓީގެ ރައްޔިތުންނަށް އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަ ވެގެންދާނެއެވެ. ހުރިހާ ގެއަކަށް ނަރުދަމާ ނިޒާމް ގުޅާލެވޭއިރު، ފެނުގެ ނިޒާމްގެ ދަށުން 500  ޓަނުގެ 3 ޕްލާންޓް ބަހައްޓާނެއެވެ. މި މަޝްރޫޢަކީ އައްޑޫސިޓީ ފިޔަވާ އަތޮޅުތަކުގައި ކުރިއަށްގެންދަވާ އެންމެ ބޮޑު ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢެވެ.

ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ކުވައިތު ފަންޑުން ބޮޑު އެހީއެއް ލިބިފައިވެއެވެ. މުޅި މަޝްރޫޢަށް 285 މިލިއަން ޚަރަދުވާއިރު، މީގެތެރެއިން 175 މިލިއަން ރުފިޔާއަކީ ކުވައިތު ފަންޑުގެ ހިލޭ އެހީއެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކުރައްވާފައިވަނީ ލަންކާގެ ސިއެރާ ކުންފުންޏާއެވެ. ސިއެރާއިން މިހާރު ވަނީ ފުވައްމުލަކުގެ ތިން ސަރަޙައްދެއްގައި ސައިޓްތައް ހަދާ މަޝްރޫޢު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އިފްތިތާހްކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަބްދުއްރަޙީމް އަބްދުއްﷲ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޢަލީ ޝާހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާޒް މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގަންނަވާނެއެވެ.