ޚަބަރު

ސިވިލް ސަރވިސްގެ ޒިންމާދާރު އިސް ފަރާތްތަކަށް ތަމްރީނުތަކެއް


ސިވިލް ސަރވިސްގެ ޒިންމާދާރު އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކުރައްވައިގެން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ފަށްޓަވައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަވަނީ ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި ޗާއިނާގެޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްއާ ގުޅިވަޑައިގެންނެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ސިވިލް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލުން ފެށިގެން މަތީގެ މުވައްޒަފުންނެވެ. އެގޮތުން މިއަދު ފަށްޓަވާފައިވަނީ ޑިރެކްޓަރ ޖެނެރަލުންނާއި ޕާމަނަންޓް ސެކްޓްރީންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމެވެ.

ސިވިލް ސަރވިސްް ޓްރޭނިންގ އިނސްޓިޓިއުޓުގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީނު ފަށްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ޗައިނާއިން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ސިވިލް ސަރވިސްގެ އެގްޒެގެޓިވް ސްޓާފުންނަށް ދެމުންދާ ސްޓަޑީ ޓުއަރގެ ސަބަބުން މުވައްޒަފުންނަށް ގިނަ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޑރ. ޝަމީމް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ފޫކާން ދެއްކެވި ވާހަަކަގައި، ޗައިނާއާ ރާއްޖޭގެ ގިނަ ދާއިރާކުން ގުޅިގެން މަސައްކަތްކުރަމުންދާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް މީހުން ބިނާކުރުމުގެ ދާއިރާގައި ޗާއިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ 3000 މީހުންނަށް ޗައިނާގެ ތަމްރީނު ޕްރޮގްރާމްތަކުން ފުރުޞަތު ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާ މޮޑިއުލްތަކުގެ ތެރޭގައި، ޕަބްލިކް ސަރވިސް އެކްސެލެންސް އިން އިންޓަނެޓް އޭޖް، ކްރައިސިސް މެނޭޖްމަންޓް، މެނޭޖިންގ ޗޭންޖް ފަދަ މޮޑިއުލްތައް ހިމެނެއެވެ.

މި ޕްރޮގްރާމްގައި ފަންސާސްހަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ވިހީގެ ނިޔަލަށެވެ.