ޚަބަރު

އާޖެންޓީނާ އާއިއެކު މެސީ ހަވަނަ ވޯލްޑްކަޕަށް


އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާގެ ސްކޮޑުގައި ލިއޮނެލް މެސީ ހިމަނައިފި އެވެ.

އުމުރުން 38 އަހަރުގެ ކެޕްޓަން, މެސީ އާއި 26 ކުޅުންތެރިންގެ ސްކޮޑް ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ މިއަދު އިއުލާންކޮށް ފީފާ އަށް ހުށައަޅާފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް ތިންވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމުގައި މެސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގައި މެސީ ވާދަކުރާއިރު އޭނާ ވެގެންދާނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއިއެކު ހަ ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ ފުރަތަމަ ފިރިހެން ދެ ކުޅުންތެރިންނަށެވެ.

ސްކެލޯނީގެ ސްކޮޑް އިއުލާންކުރިއިރު އޭނާ ވަނީ އެންމެ ފަހުގެ ވޯލްޑްކަޕްގައި ކުޅުނު ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިންނަށް މިފަހަރުވެސް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ގޯލުކީޕަރު އެލިމިއާނޯ މާޓިނޭޒް އާއި އެންޒޯ ފެނާންޑޭޒް, އެލެކްސިސް މެކަލިސްޓަރ, ލިސަންދްރޯ މާޓިނޭޒް ގެ އިތުރުން ކްރިސްޓިއަން ރޮމޭނޯ ފާހަގަކޮށްލެވެ އެވެ.

ވޯލްޑްކަޕްގައި އާޖެންޓީނާ ހިމެނޭ ގްރޫޕް ޖޭ ގައި ދެން ހިމެނެނީ އަލްޖީރިއާ އާއި އޮސްޓްރިއާގެ އިތުރުން ޖޯޑަން އެވެ.

ގައުމީ ޓީމަށް މިހާތަނަށް 198 މެޗު ކުޅެފައިވާ މެސީ ވޯލްޑްކަޕްގެ ކުރިން އާޖެންޓީނާ ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ކުޅެފިނަމަ ވޯލްޑްކަޕަށް ދާއިރު އޭނާ ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު 200 އަށް އަރާނެ އެވެ.