ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ސަރުކާރުން އެކަށައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވެމުންދާ ކަމަށެވެ. އެގޮތުން، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 1294 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ، އޭގެ ކުރީ ދެ ދައުރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ކުރީ ދައުރުގެ އެ މުއްދަތުގައި އަތުލައިގަނެވުނީ 1003 ކިލޯގްރާމް ކަމަށާއި، އޭގެ ކުރީ ދައުރުގައި އަތުލައިގަނެވުނީ އެންމެ 154 ކިލޯގްރާމްގެ މަސްތުވާތަކެތި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ގޭންގު މާރާމާރީތަކުގައި ޒުވާނުންގެ ފުރާނަ ގެއްލޭ މިންވަރު މި ސަރުކާރުގައި މުޅިން ހުއްޓުވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2013 އިން 2016 އަށް 12 ޒުވާނަކު އަދި 2018 އިން 2021 އަށް 7 ޒުވާނަކު މާރާމާރީތަކުގައި ނިޔާވެފައިވީ ނަމަވެސް، މި ސަރުކާރުގެ މިހާތަނަށް އެފަދަ އެއްވެސް ހާދިސާއެއްގައި މީހަކު ނިޔާވެފައި ނުވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްޓަކައި، ގާނޫނަށް އިސްލާހު ގެނެސް މަރުގެ އަދަބު ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޭންގުތައް ކަނޑައެޅުމާއި އެފަދަ ކުށްތަކަށް އަދަބު ދިނުމުގެ އިޖުރާތްތައްވެސް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރު ހަރުދަނާ ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
" ގޭންގު މާރާމާރީތަކުގައި މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް މީހަކު މަރުވެފައިނުވޭ. ވަރަށް ގިނަ މަސަތް އެބަކުރެވޭ، ހަގީގީ ރިޒަލްޓްސް މުޖްތަމައު ތެރެއިން ރަނގަޅު ނަތީޖާ ނެރެވޭ. އަޅުގަނޑުމެން މިކަން ކޮންޓިނިއު ކުރާނަން. ބޭނުންވަނީ އާންމުންގެ އެއްބާރުލުން. ކޮންމެ ގޮތެއްވިއަސް މި ޤައުމުގެ ޒުވާނުން ނުބައި ކުށުން ސަލާމަތްކޮށް މެއިން ސްޓްރީމްކުރުމަކީ އެންމެންގެ އެއްބާރުލުން ލިބިގެން ކުރެވޭނެކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ޒުވާން ކުދިން ނުބައި އާދައިން ޑްރަގްއާއި ގޭންގް ރިލޭޓެޑް ކަންކަމުން ދުރަށްދާން" ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި، އެފަދަ ކުށްވެރިންނަށް މަރުގެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙު މިދިޔަ އަހަރުގެ ޑިސެންބަރު 6 ގައި ވަނީ ތަސްދީޤުކުރައްވައި ގެޒެޓު ކުރައްވާފައެވެ. މި އިސްލާޙަށް އަމަލުކުރަން މިއަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުގެ ޤާނޫނު ބުނާގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލު ވެވަޑައިގެން އެންމެ ފުރަތަމަ ޤައުމާ މުޚާތަބުކުރައްވައި ދެއްވި ތަޤުރީރުގައިވެސް ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ. އެއާއެކު އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ގުޅުންހުރި އިދާރާތަކުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.