ޚަބަރު

300 މިލިއަނަށް ވިއްކަން އުޅުނު ޓީވީ ރައިޓްސް އެންމެ ފަހުން 60 މިލިއަނަށް


300 މިލިއަން ޑޮލަރަށް ޗައިނާ އަށް ފީފާއިން ވިއްކަން އުޅުނު ވޯލްޑް ކަޕް ރައިޓްސް އެންމެ ފަހުން 60 މިލިއަނަށް ދޭން ނިންމައިފި އެވެ.

ޗައިނާގެ މީޑިއާތަކުން ބުނަނީ އެ ގައުމުގެ ސަރުކާރުގެ ޓީވީ އަށް 60 މިލިއަނަށް ރައިޓްސް ދިނުމަށް ފީފާއިން ނިންމައި ދެ ފަރާތުން މިހާރު ލިޔެކިއުންތައް ނިންމުމާ ގާތަށް ގޮސްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން 2026ގެ ވޯލްޑް ކަޕާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އިތުރުން އަންހެނުންގެ ވޯލްޑް ކަޕް ވެސް ޗައިނާއިން ދައްކާނެ އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރަފްސްޓްރޯމް ވިދާޅުވީ ޗައިނާގައި ވޯލްޑް ކަޕް ދެއްކޭ ގޮތް ވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ ކަމަށެވެ. ދުނިޔޭހގެ އެންމެ ބައިބޯ އެއް ގައުމު ކަމަށްވާ ޗައިނާގައި ވޯލްޑް ކަޕް ދެއްކުމަށް 300 މިލިއަން ހަރަދު ކުރަން އެ ގައުމުން ބޭނުންނުވީ ޖޫން 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ މުބާރާތުގެ މެޗުތައް ކުޅޭ ވަގުތަކީ ޗައިނާ މީހުން އާއްމުކޮށް މެޗުތައް ބަލާ އުޅޭ ވަގުތަކަށް ނުވުމުން ސްޕޮންސަރުން ހޯދަން ދަތިވުމުންނެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ އެންމެ ބައިބޯ އަނެއް ގައުމު ކަމަށްވާ އިންޑިޔާގައި ވެސް މި މައްސަލައާ ހުރެ ވޯލްޑް ކަޕް ނުދެއްކިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ނަމަވެސް އިންޑިޔާގެ މީޑިއާތަކުން ބުނަނީ އެ ގައުމުގެ ޒީ ޓީވީ އާއި ޖިއޯ ގުޅިގެން ވޯލްޑް ކަޕް ދައްކަން ފީފާއާއެކު މިހާރު އަނގަބަހުން އެއްބަސްވެފައިވާ އަގަކީ 30 މިލިއަން ޑޮލަރު ކަމަށެވެ. އިންޑިޔާ އަށް ވެސް ކުރިން ފީފާއިން ކިޔާފައިވަނީ 150 މިލިއަނާއި 200 މިލިއަން ޑޮލަރާ ދެމެދުގެ އަގެކެވެ.

ދުނިޔޭގެ ގިނަ މީޑިއާތަކުން ބުނަނީ ފީފާއިން ދޫދޭން ނިންމައި އަގު ކުޑަކުރީ ވޯލްޑް ކަޕް ފަށަން ކައިރިވާއިރު ބްރޯޑްކާސްޓިން ރައިޓްސްއާ ހެދި މި ދެ ގައުމުގައި މެޗުތައް ނުދެއްކިއްޖެނަމަ އަމާޒުވެދާނެ ފާޑުކިއުންތަކާ ހެދި އެވެ.