ޚަބަރު

އަރަފާތު ދުވަސް: ދުޢާ އިޖާބަކުރައްވާ މަތިވެރި ދުވަހެއް


  • މިއަދަކީ މާތްﷲ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަސް

  • އަރަފާތް ދުވަހަކީ މާތްﷲގެ ދީން ފުރިހަމަކުރެއްވިކަން އިޢުލާންކުރެއްވުނު ދުވަސް

ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވާފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ޙަޤީޤަތަކީ ޙައްޖަކީ އިންސާނާގެ ދުނިޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަމެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމެންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުނިޔަވީ ދުވަސްތައް ވޭތުކުރަމުންދެއެވެ. މިއަދަކީ، ވެރިއެއް، މުއްސަންޖެއް، ފަޤީރެއް އާދައިގެ މީހެއް ތަފާތުކުރުމެއް ނުވާ މުސްލިމުންގެ ހަމަހަމަކަން ދައްކުވައިދޭ ދުވަހެވެ.

ޙައްޖަކީ އެންމެމާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި اللهއަށް ކުއްތަންވުމުގެ ގޮތުން އަދާކުރެވޭ މަތިވެރިއަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން 5 ވަނަ ރުކުނެވެ. ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ.

ޝަރުޢުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތުﷲ ގެފުޅަށް ގޮސް، ގެފުޅު ވަށައިގެން ޠަވާފުކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު އަރަފާތު ބިމުގައި މަޑުކުރުމާއި އެ ދުވަހުގެ ރޭ މަޣުރިބް ނަމާދާއި ޢިޝާ ނަމާދަށްފަހު މުޒްދަލިފާގައި ވަގުތުހޭދަކޮށް، އެއަށްފަހު މިނާގައި އެރޭގެ މެންދަމުގެ ބައެއްގައި ވަގުތު ހޭދަކުރުން ހިމެނޭ އަޅުކަމެކެވެ.

އަދި ހަމަ މިޔާއެކު އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށްޓަކައި ހިލަ އުއްކެވި ފަދައިން 3 ޖަމްރާއަށް ހިލައުން ހިމެނެއެވެ. އެގޮތުން ޢީދު ދުވަހު ޙައްޖުވެރިން ހިލަ އުކާނީ ޖަމްރަތުލް އަޤަބާއަށް އެކަންޏެވެ. ޢީދު ދުވަހަށްފަހު ދެން އަންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު ޙައްޖުވެރިން ތިން ޖަމްރާއަށްވެސް ހިލައުކާނެއެވެ.

ޙައްޖަކީ ގުނައި ޢަދަދުކުރެވޭ މަދު ދުވަސްކޮޅެއްގައި ކުރެވޭ އަޅުކަމެކެވެ. އެ މޫސުމުގައި މާތް الله ހަދުމަކޮށް ތަކުބީރުކިޔައި އުޅުމަށް އަންގަވައިފައި އޮތް ބަސްފުޅުގައިވާ ފަދައިން، ތިމާގެ މުދާ ހޭދަކޮށް، ތިމާގެ އަހުލުވެރީންނާއި، ވަޒަންދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަޝްޣޫލުވެ، އެ ކަމުގައި ޙައްޖާޖީން ވަގުތު ހޭދަކުރެއެވެ. އެކަލާނގެ ގެފުޅުގައި ޠަވާފުކުރެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރެއެވެ. ދަމު ނަމާދާއި، ޟުޙާ ނަމާދުކުރެއެވެ. ޒިކުރުކުރުމާއި، ޤުރުއާންކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ޙައްޖު މޫސުމުގެ ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެ، ޙަރަކާތްތެރިވެއެވެ.

މިއަދަކީ މާތްﷲ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަސްކަމުގައިވަނީ ލައްވަވާފައެވެ. އަދި މީސްތަކުންގެ މުހުތާދުތައް ފުއްދަވާ، ދުޢާ އިޖާބަކުރައްވާ މަތިވެރި ދުވަހެއްގެ ގޮތުގައި އެކަލާނގެ އަރަފާތް ދުވަސް ލެއްވެވިއެވެ. މީގެއިތުރުން އަރަފާތް ދުވަހަކީ މާތްﷲގެ ދީން ފުރިހަމަކުރެއްވިކަން ޢިއުލާންކުރެއްވުނު ދުވަހެވެ. މުޅި އިސްލާމީ އުންމަތަށް ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް މަތިވެރި ވަޞިއްޔަތްޕުޅު ދޫކޮށްލެއްވި ދުވަހެވެ.

މިދުވަހުގެ މުހިންމުކަން ބަޔާންކުރައްވާ ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "ޙައްޖަކީ އަރަފާތެވެ." އެހެންކަމުން މިއަދުގެ އިރުއޮއްސުމުގެ ކުރިން އަރަފާތު ބިމަށް ނުވަދެވުނު މީހާއަށް ޙައްޖު ނުލިބޭނެއެވެ.

ޙައްޖު ދުވަހު އަރަފާތުގައި ޙައްޖާޖީން މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އެދި އަޅުކަމުގައި ވަގުތު ހޭދަކުރަމުންދާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ޙައްޖަށް ނުދެވޭ މުސްލިމުން ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ފާފަފުއްސެވުން އެދި ދުޢާކުރުމާއި، ޒިކުރުކުރުންމަތީ ދެމިތިބެއެވެ. މާތްﷲގެ ރަޙުމަތަށް އެދިގެން އެދުވަހު ޞަދަޤާތްކުރެއެވެ. އިސްލާމީ އުންމަތަށް އަންނަ އެންމެ ބަރަކާތްތެރި މިދުވަހުގެ ރަޙުމަތް ލިބިގަނެ އެމީހެއްގެ އީމާންކަން ވަރުގަދަކުރުމަށް ހުރިހާ މުސްލިމުން މިއަދު ގަދައަޅައި މަސައްކަތް ކުރެއެވެ.

ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރަން ޖެހޭ ކަމެކެވެ. އެ ކަމުގައި ދަތުރުފަތުރު ހިމެނެއެވެ. ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނެއެވެ. ފުރިހަމަ ގޮތުގައި ޙައްޖު އަދާކުރުމަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުމަށް މަސައްކަތްކުރުމަށާއި ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ތިމާގެ ދިރިއުޅުމަށް މަސައްކަތްކުރުމާއެކު
ރަޙިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޢާއިލީގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުން މުހިއްމެވެ.