ދުނިޔެ

ތޫފާން "މެތިއު" ދެކުނު ކެރޮލައިނާގެ އައްސޭރިފަށަށް އަރައިފި


ކެރީބިޔަން ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާން "މެތިއު" އެމެރިކާގެ ދެކުނު ކެރޮލައިނާގެ އައްސޭރިފަށަށް އަރައިފިއެވެ.

ތޫފާންތަކާބެހޭ ދިރާސާތައް ކުރާ އެމެރިކާގެ ޤައުމީ މަރުކަޒުން ބުނީ ދެކުނު ކެރޮލައިނާއަށް އެރިއިރު މެތިއުގެ ބާރުވަނީ ކުރިޔަށްވުރެ ދަށްވެފައި ކަމަށާ މިގޮތުން އެތޫފާންގެ ވައި ވަނީ ގަޑިއަކު 235 ކިލޯމީޓަރުން 135 ކިލޯމީޓަރަށް ދަށަށްގޮސްފައި ކަމަށެވެ. ދެކުނު ކެރޮލައިނާއަށް އެރުމުގެ ކުރިން މެތިއުވަނީ އެމެރިކާގެ އެހެން ސްޓޭޓެއްކަމަށްވާ ފްލޮރިޑާއަށްވެސް އަރާފައެވެ.

މެތިއުގެ ސަބަބުން ފްލޮރިޑާގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ގަސްތައް ވެއްޓި މުވާސަލާތީ ޚިދްމަތްތައް ކެނޑިފައިވާއިރު ދޮޅު މިލިޔަނެއްހާ ގެއިންނާއި އިމާރާތްތަކުންވަނީ ކަރަންޓްވެސް ކެނޑިފައެވެ.

މެތިއުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކެރީބިޔަންގެ ކުޑަ އަދި ފަޤީރު ޤައުމެއް ކަމަށްވާ ހެއިޓީ އަށެވެ. ހެއިޓީއަށް މެތިއު އެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 900އަށް އަރާކަމަށް އެޤައުމުން ބުނެއެވެ.

"މެތިއު" ތޫފާން ހެއިޓީގެ އިތުރުން ޖެމެއިކާއާއި ބަހާމާސް އަށްވެސް ވަނީ އަރާފައެވެ.