ދުނިޔެ

ސޫރިޔާގެ މައްސަލާގައި ހުށައެޅި ޤަރާރު ރަޝިޔާއިން ވީޓޯ ކޮށްފި


ސޫރިޔާގެ މައްސަލައާބެހޭގޮތުން ފަރަންސޭސިވިލާތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ރަޝިޔާއިން ވީޓޯ ކޮށްފިއެވެ.

މިގަރާރު ވީޓޯ ކުރަމުން އދ. ގައި ހުންނަވާ ރަޝިޔާގެ މަންދޫބު ވިޓާލީ ޗޫކިން ވިދާޅުވީ ފަރަންސޭސި ޤަރާރަކީ ސޫރިޔާގެ މައްސަލަ މިހާރު ގޮސްފައިވާ ހާލަތަށް ރިޢާޔަތްކުރާ ޤަރާރެއް ނޫންކަމަށާ މިޤަރާރަކީ އެއްކޮޅަކަށް ބުރަވެފައިވާ ޤަރާރެއް ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ފަރަންސޭސި ޤަރާރު ގޮވާލަނީ ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ހަލަބްއާއި އެނޫން ރަށްރަށުގައިވެސް ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، ހުރިހާ ފަރާތްތަތަކުންވެސް، ޙަމަލާތައް ހުއްޓާލުމަށެވެ. މިގޮތުން ރަޝިޔާއާއި ސޫރިޔާއިން ދޭ ވައިގެ ހަމަލާތަކާއި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ދޭ ޙަމަލާތައްވެސް ވަގުތުން ހުއްޓާލުމަށް މިޤަރާރު ގޮވާލައެވެ. ނަމަވެސް ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ޖަމާޢަތްތަކުގެ ހަނގުރާމަވެރިން ހަލަބުން ފޭބުމަށް މިޤަރާރުގެ ދެލިކޮޕީ ގޮވާލާފައެއްނުވެއެވެ.

މިޤަރާރަށް ވޯޓަށް އެހުމުގެކުރިން ރަޝިޔާ ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނަސްފައިވީނަމަވެސް ރަޝިޔާ ބޭނުންވިގޮތަށް ޙަމަލާތައް ހުއްޓާލުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަލަބުން ފޭބުމަށް މިޤަރާރު ގޮވާލާފައެއްނުވެއެވެ. މިޤަރާރާ ދެކޮޅަށް ރަޝިޔާ ވީޓޯގެ ބޭނުންކުރުމުން އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުންވަނީ ވަރަށް ރުޅިވެރިކަމާއެކު ރަޝިޔާއަށް ފާޑުކިޔާފައެވެ. ރަޝިޔާއަށް ފާޑުވިދާޅުވަމުން ސަލާމަތީ މަޖިލީހުގައި އެމެރިކާ ތަމްޘީލް ކުރެއްވި ޑޭވިޑް ޕްރެސްމަން ވަނީ ރަޝިޔާއިން ސޫރިޔާގައި ހަރަކާތްތެރިވަނީ މަގުފޭރޭ މުޖްރިމެއްގެ ގޮތުގައި ކަމަށް ސިފަކުރައްވާފައެވެ. އަދި ހަލަބްގައި ހިނގަމުންދާ ގަތްލު އާންމުތައް ހުއްޓުވުމަށް ރަޝިޔާގެ އެއްބާރުލުން ނުލިބޭކަމަށްވެސް އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބުގެ ނައިބު ޑޭވިޑް ޕްރެސްމަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ދާއިމީ މަންދޫބު މެތިއު ރައިކްރޮފްޓް ވިދާޅުވީ ހަލަބާއި، ހަލްބުން ބޭރުގައިވެސް ސޫރިޔާގެ ގިނަ ރައްޔިތުންގެ ފުރާނަތައް ގެއްލިގެންދަނީ ރަޝިޔާގެ ވައިގެ ޙަމަލާތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވައި ރަޝިޔާއިން ދޭ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ފަރަންސޭސި ޤަރާރަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ޤައުމުގެ ތެރެއިން 11 ޤައުމެއްގެ ތާއީދު ލިބިފައިވެއެވެ. އެގަރާރަށް ވޯޓު ދީފައިނުވަނީ އެންގޯލާއާއި ޗައިނާއިންނެވެ. އަދި މިގަރާރަށް އިދިކޮޅު ހަދާފައިވަނީ ރަޝިޔާގެ އިތުރުން ވެނެޒުއެލާއިންނެވެ.

އަނެއްކޮޅުން ސޫރިޔާގެ މައްސަލާގައި ރަޝިޔާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރަށް ބޭނުންވާ 9 ވޯޓު ނުލިބުމުން އެ ގަރާރުގެ ދެލިކޮޕީ ވަނީ ސަލާމަތީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ. ރަޝިޔާގެ ޤަރާރުގެ ދެލިކޮޕީ ގޮވާލަނީ މިދިޔަ ސެޕްޓެމްބަރުމަހު އެމެރިކާއާއި ރަޝިޔާ އެއްބަސްވެފައިވާ ގޮތުގެމަތިން ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީފޯރުކޮށްދިނުމަށެވެ.

މިދިޔަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ވަނީ ހަލަބާއި ސޫރިޔާގެ އެހެން ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް އެއެއްބަސްވުމަށްފަހު އެމެރިކާއިން ސޫރިޔާ ސިފައިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއްދީ ސޫރިޔާ ސިފައިންގެ އަށްޑިހައަށްވުރެ ގިނަމީހުން މަރާލުމުން ސޫރިޔާއާއި ރަޝިޔާއިންވަނީ އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ އަމާޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީފައެވެ. މިއާއެކު އެމެރިކާވަނީ ރަޝިޔާގެ އިޚްލާސްތެރިކަން ނެތްކަމަށްބުނެ ސޫރިޔާގެ މައްސަލާގައި ރަޝިޔާއާ ވާހަކަ ނުދައްކާނެ ކަމަށާ  އެއެއްބަސްވުމަށް އަމަލު ނުކުރާނެކަމަށްވެސް ބުނެފައެވެ.