ރާއްޖޭގެ މަސްވެރިކަން މިވަނީ ދުނިޔޭގެ އެންމެ މުހިންމު އެއް މާކެޓުގައި ހުޅުވިގެން ގޮސްފައިކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ކަނޑާލުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. މިއީ، މަސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށާއި، ރަށްރަށުގެ މުޖުތަމައުތަކުގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރިކަމުގެ އެންމެ މަތީ މިންގަނޑު ކަމުގައިވާ މަސްވެރިކަން ކުރިއެރުވުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރާ މަސް ބަންދުކުރާ ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ކަނޑުމަހަކީ ހަމައެކަނި ދުނިޔެއަށް ކާނާ ފޯރުކޮށްދޭ އެއްޗެއް ނޫންކަމަށާއި، އެއީ ތިމާވެއްޓާ ރައްޓެހި ޒިންމާދާރު ގޮތެއްގައި ބާނާ މަހެއް ކަަމަށެވެ. އަދި މިއަދު މިވަނީ އެންމެ މުހިންމު އެއް މާކެޓުގައި، ދިވެހި މަސްވެރިކަން ހުޅުވިގެން ގޮސްފައި ކަމަށެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަޤުވާމީ މައިދާނުގައި އައު އުސްމިންތަކަކަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށާއި، ދެއްވާ ހަރުދަނާ އިރުޝާދަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
Thrilled to welcome the UK's decision to suspend tariffs on Maldivian tuna - effective today! This is a direct win for our fishers, their families, island communities and our processors who have long championed one-by-one fishing as the gold standard of sustainability. Maldivian… https://t.co/0S9XHB1t6g
— Ahmed Shiyam (@Shiyamaldives) May 20, 2026
މިއަދު ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ޓެރިފް ކަނޑާލަން ނިންމިއިރު، މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.