ޚަބަރު

"އެމްއެންޑީއެފްގެ ޕްލޭންގެ ސަބަބުން ބޭރުގެ ޓީމަށް ޑައިވަރުން ހޯދަން ފަސޭހަވި"


  • އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ރޭވުންތެރިކަމާއެކުކަން ފާހަގަކުރެއްވި

  • އިޓަލީގެ ޑައިވަރުން ހޯދަން ހިންގާ އޮޕަރޭޝަންގެ ތަފްސީލް ހިއްސާކުރެއްވި

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ބޭރުގެ ޑައިވަރުންގެ ޓީމުގެ މަސައްކަތް އަވަސް ވެގެންދިޔަ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުނު މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، އެކިއެކި ހާދިސާތަކުގައި އެމްއެންޑީއެފްއިން މަސައްކަތް ކުރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، މިދިޔަ ހަފުތާގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށްގެންދާ އޮޕަރޭޝަނަށް އަލިއަޅުއްވާލައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު ހަރުދަނާ ގޮތެއްގައި ކަމަށެވެ.

އޮޕަރޭޝަންގެ ތަފްސީލްތައް ދެއްވަމުން ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މި އޮޕަރޭޝަންގައި ހަރަކާތްތެރިވީ އާންމުކޮށް މިކަހަލަ ޑައިވްކުރާ މީހުންނާ ޚިލާފަށް އެމްއެންޑީއެފްގެ ޑައިވަރުން ކަމަށެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ފަދަ ހާލަތަކަށްވެސް އެމްއެންޑީއެފްއިން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށާއި، މި އޮޕަރޭޝަންގެ މަސައްކަތްވެސް ކުރިއަށް ދިޔައީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެންކަމަށް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

" އޮޕަރޭޝަންތަކުގައި ޑައިވަރުން އަޑިއަށް ފައިބަނީ ވަކި ޕްލޭންތަކަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން. އެއްވެސް ކަމެއް ކުރަން މަޖުބޫރުވާ ގޮތަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ނޫން. ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން، މި މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދަނީ. މިކަމަށް ވާންޖެހޭ ތައްޔާރީތައް ވެގެން ކުރިއަށްދިޔައީ. މިއަށްވުރެ ފުންމިނުގައިވެސް ވާނީ ޑައިވްކޮށްފައި." ސަލީމް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވާފައެވެ.

އެކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ޒިޔާރަތްކުރެއްވީ ބޭނުންވާ އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި، އެމްއެންޑީއެފްގެ ޑައިވަރުންނަށް ހިތްވަރު ދެއްވުމަށް ކަމަށެވެ.

"ރައިސުލްޖުމްހޫރިއްޔާވެސް އެ ސަރަހައްދަށް ވަޑައިގެންނެވި. އެމަނިކިފާނު އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައި، އަދި އަޅުގަނޑުމެން ސިފައިންނަށް އެ ބޭނުންވާ ހިތްވަރު ދެއްވާ އަދި އަޅުގަނޑުމެންނަށް ބޭނުންވަނީ ކޮންކޮން އެހީތެރިކަމެއްތޯ ބެއްލެވުމަށްޓަކައި" ޙިލްމީ ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ޑައިވަރުން އަޑިއަށް ފައިބަނީ ވަކި ޕްލޭންތަކަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި، އެއްވެސް ކަމެއް ކުރަން ޑައިވަރުންނަށް މަޖުބޫރު ނުކުރާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެއިތުރުން އެކި ޤައުމުތަކުން ފޯރުކޮށްދީފައިވާ ތަކެތިވެސް މި އޮޕަރޭޝަންގައި ބޭނުން ކުރަމުންދާކަންވެސް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެެވެ.