ކުޅިވަރު

ނެދަލޭންޑްސްގެ ރެފްރީ ވޯލްޑް ކަޕުން ވަކިކޮށްފި


ނެދަލޭންޑްސްގެ ރެފްރީ ރޮބް ޑީބްރީފް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ވަކިކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޖާގަ ލިބުން އެންމެ ގާތީ ފްރާންސްގެ ރެފްރީ ވިލީ ޑެލާ އަށެވެ.

ފީފާއިން މި ގޮތަށް ނިންމީ އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި ޖަލަށް ލުމަށްފަހު މދޫކޮށްލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގަ އެވެ.

މިދިޔަ މަހު ނެދަލޭންޑްސްގެ ފުލުހުން އޭނާ ހައްޔަރުކޮށް ވަނީ ސީސީޓީވީ ފުޓޭޖްތަކާއި ޑިޖިޓަލް ސާވިސްތަކުން އޭނާގެ ހަރަކާތްތައް ބަލައިފަ އެވެ. އަދި ފުލުހުން ވަނީ އިތުރަށް އޭނާގެ މައްސަލަ ބަލާނެ ޖާގަ ނެތް ކަމަށް ބުނެ މައްސަލަ ފައިލް ކޮށްފަ އެވެ.

ނަމަވެސް ފީފާއިން ޑީބްރީފް ވޯލްޑް ކަޕުން ވަކިކުރި ސަބަބެއް ނުބުނެ އެވެ.

މިކަމާ ގުޅިގެން އޭނާ ބުނީ ފުލުހުންނަށް ފުރިހަމަ އަށް އެއްބާރުލުންދީ އޭނާގެ މައްސަލަ ފައިލްކޮށްފައިވަނިކޮށް ފީފާގެ ނިންމުން އައި ގޮތުން ވަރަށް ބޮޑަށް ދެރަވެއްޖެ ކަމަށެވެ.

"މި ތުހުމަތު މިހާރު އެ ވަނީ ނެތް އެއްޗަކަށް ވެފައި. އަހަރެން ވޯލްޑް ކަޕަށް ނުގެންދަން ފީފާއިން ނިންމި ނިންމުމަކީ ވަރަށް ހެއްވާ ކަމެއް. ވަރަށް ދެރަވެއްޖެ ފީފާގެ ނިންމުމުގެ ސަބަބުން،" ޑީބްރީފް ބުންޏެވެ.

މި މައްސަލާގައި ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އެ ގައުމުގެ މެޗުތަކަށް ޑީބްރީފް ނެރޭނެ ކަމަށާއި އޭނާ އަށް އަދަބު ދޭންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.