ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަކިކުރުމަށް ޤަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް، ނާޠިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުން ވިދާޅުވިއެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ ދެ ހާލަތެއްގައެވެ. އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ޙައްގު ރައީސާއި ނައިބު ރައީސަށް ލިބިގެންވެއެވެ. ނަމަވެސް އެ މައްސަލައިގައި ވޯޓުގައި ބައިވެރިނުވެވޭނެއެވެ.
ޤަވާއިދުގައިވާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު މަޤާމުން ވަކިކުރަން ޤަރާރެއް ހުށަހެޅޭނީ މުޅި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިގެންނެވެ. މި ޤަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ޤަރާރުގެ ނޯޓިސް މެންބަރުންނާއި ނައިބު ރައީސަށް އަމީންއާންމު ފޮނުއްވާނެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދޫނުން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅާނެއެވެ.
މިފަދަ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސް ކަމަށްވެސް ގަވާއިފުބުނެއެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުރި ބޭފުޅަކު މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މަޤާމުން އެ ބޭފުޅަކު ވަކިވާނެއެވެ.