މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕްގެ މީހުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ. މިއީ ކޮންމެ އަހަރަކުވެސް ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ސަޢުދީޢަރަބިއްޔާއަށް ދާއިރު ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވަމުން އަންނަ ސެޝަންތަކެކެވެ.
މި ސެޝަންގައި ވަނީ ޙައްޖުވެރިން ސަޢުދީޢަރަބިއްޔާގައި ހޭދަ ކުރާ ދުވަސްތަކުގައި ޞިއްޙީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ދީނީ ގޮތުން ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި އިދާރީ ގޮތުންވެސް ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތު ޙައްޖުވެރިންނާ ހިއްސާކޮށްފައިވެއެވެ.
ޙައްޖުވެރިން ސަޢުދީއަރަބިއްޔާގައި އުޅޭއިރު އެ ޤައުމުން ތައްޔާރުކޮށްފައިވާ "ނުސުކް" ކާޑެއް އަޅައިގެން އުޅެންޖެހެއެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކާޑުވެސް ފުރަތަމަ ފްލައިޓްގައި ޙައްޖަށް ފުރާ މީހުންނަށް ހަވާލުކޮށްފައިވާކަމަށެވެ.
މިއަަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން އަންނަ ހުކުރު ދުވަހުން ފެށިގެން ފުރަން ފަށާނެއެވެ. އެދުވަހު ޙައްޖުވެރިން ފުރާނީ މެންދުރު ފަހު 15:25 ގައި ސަޢުދީ އެއަލައިންގައެވެ. އެ ފްލައިޓުގައި 238 މީހުން ހައްޖުގެ އަޅުކަމަށް ފުރާނެއެވެ. ހުކުރު ދުވަހު ޙައްޖަށް ފުރާ މީހުންގެ ފޮށި ހަވާލުކުރަންޖެހޭ ވަގުތުތައްވެސް ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އާންމު ކުރައްވާފައެވެ.
ފޮށި ހަވާލުކުރަން ޖެހެނީ މާދަމާ ހެނދުނު 10:30 އާއި 12:00 ދެމެދުގައެވެ. މާލެއިން ފޮށި ހަވާލުކުރުމަށް ގެންދަން ޖެހެނީ މާފަންނު ބަސް ޓާމިނަލްއަށެވެ. އަދި ހުޅުމާލެ ފޭސް 1 އިން ފެރީ ޓަމިނަލްއަށް ގެންދަން ޖެހޭއިރު ފޭސް 2އިން ފޮށި ގެންދަން ޖެހޭނީ ހިޔާ ޓަވަރި 12 ގެ ކައިރީގައި ހުންނަ ބަސް ސްޓޮޕްއަށެވެ.