ތިމާވެށި

ރާއްޖެއިން ހުށައެޅި ކަރުދާސް ސައިޓީސް މުޢާހަދާގައި ހިމަނަނީ


ސައުތު އެފްރިކާގެ ޖޮހެނެސްބާރގްގައި މިހާރު ކުރިއަށްދާ ސައިޓީސްގެ 17 ވަނަ ކޮންފަރެންސަށް ރާއްޖެއިން ހުށައެޅި އައިންމަތީ މިޔަރު ވިޔަފާރީގެ ބޭނުމަށް ހިފުން މަނާކުރުމުގެ ކަރުދާސް ބަލައިގަނެ، ސައިޓީސް މުޢާހަދާގައި އެބައި ހިމެނުމަށް މެންބަރު ޤައުމުތަކުން ނިންމައިފިއެވެ.

ސައިޓީސްއަކީ ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ އެއްޗިހީގެ ވިޔަފާރި ކޮންޓްރޯލްކުރުމާ ގުޅޭ މުޢާހަދާއެކެވެ. އައިންމަތީ މިޔަރު ނުވަތަ ސިލްކީ ޝާކް ޙިމާޔަތް ކުރުމަށް ރާއްޖެއިން ހުށައެޅި ކަރުދާސް ފާސްވުމާ ގުޅިގެން، އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، މިއީ ނެތެމުންދާ ދިރުންތައް ޙިމާޔަތް ކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކަމިޔާބީއެއް ކަމަށެވެ. ސައިޓީސްގެ މެންބަރު 111 ޤައުމުން މި ކަރުދާސް ބަލައިގަނެފައިވާ ކަމަށާއި، އަދި 47 ޤައުމަކުން މިކަމަށް މާލީ އަދި ފަންނީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ ސަބަބުން މިހާރު ވެސް ރާއްޖޭގެ މަސްވެރިކާމާއި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް އެކި ގޮތްގޮތުން ކުރިއެރުން ލިބެމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާ ހިތްވަރުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.