ތިމާވެށި

ބަޔޮސްފިއަރ ރިޒަރވް، ދިވެހިންގެ ތެރޭގައި މަޤްބޫލުތަނަކަށް ހަދަނީ


ދިވެހިރާއްޖޭގެ ހަމައެކަނި ބަޔޮސްފިއަރ ރިޒަރވް، ބ.އަތޮޅަކީ ބޭރުގެ ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންގެ ތެރޭގައި މަޤްބޫލުތަނަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ބަޔޮސްފިއަރ ރިޒަރވް އޮފީހުން ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގެ 10 ސަރަޙައްދެއް ބަޔޮސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ބ.އަތޮޅު ސަރަޙައްދު، ދުނިޔޭގެ ބަޔޮސްފިއަރ ރިޒަރވްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ 2011 ވަނަ އަހަރުއެވެ. ބ.އަތޮޅުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވަނީ ހަނިފަރު ސަރަޙައްދަށެވެ. މިއީ ދުނިޔޭގެ އެންމެ ގިނަބަޔަކު މަންޓާރޭ ނުވަތަ އެންމަޑި ބަލަން ޒިޔާރަތްކުރާ އެއް ސަރަޙައްދެވެ.

އޭދަފުށީގައި ހުންނަ ބަޔޮސްފއަރ ރިޒަރވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، ބޭރުގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މި ސަރަޙައްދަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދު އިތުރުުކުރުމުގެ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް، ބަޔޮސްފިއަރ ރިޒަރވްއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، އެތަނުގެ މަޤްބޫލުކަން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމަވާފައިވާ ކަމަށެވެ.

ޝާފީ ވިދާޅުވީ، ބަޔޮސްފިއަރ އަށް ޒިޔާރަތްކުރާ ދިވެހިންނަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

"ދިވެހިން ޖެހޭނީ ޓޯކަން ގަންނަން. އީޕީއޭ ކޮލިފައިޑް ގައިޑެއްގެ އެހީގައި އެތަނަށް ދެވޭނީ، ކޮންމެ ދުވަހަކުވެސް އެސަރަޙައްދަށް. ދިވެހިންނަށް 32 ރުފިޔާ. ފަތުރުވެރިންނަށް 300 ރުފިޔާ. އެނުއަލް ފީ ނުދައްކާ ނަމަ 150 ރުފިޔާ ދައްކަން ޖެހޭނީ." ޝާފީ ވިދާޅުވިއެވެ.

އޭދަފުށީގައި ހުންނަ ބަޔޮސްފިއަރ ރިޒަރވް އަށް މަޤްބޫލުކަން ހޯއްދެވުމުގެ ގޮތުން މިހާރުވެސް ބ.އަތޮޅުގެ އެކި ސްކޫލްތަކުގެ ދަރިވަރުން އެތަނަށް ގެންދާކަން އެ އޮފީހުން ފާހަގަކުރެއްވިއެވެ.

ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ބ. އަތޮޅު ހެދުމުން، އެއަތޮޅަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންގެ ޢަދަދާއި، އެކިއެކި ރިސަރޗް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުވެ، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ތަރައްޤީ ލިބެމުން އަންނަކަމަށް ބަޔޮސްފިއަރ އޮފީހުން ފާހަގަކުރައްވައެވެ.

2014 ވަނަ އަހަރު 2100 (ދެހާސް އެއްސަތޭކަ) މީހުން ޒިޔާރަތްކޮށްފައިވާއިރު، 2015 ވަނަ އަހަރު 3700 (ތިންހާސް ހަތްސަތޭކަ) މީހުން ހަނިފަރު ސަރަޙައްދަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ނިމޭއިރު މިއަދަދު 4000 (ހަތަރު ހާހަށް) އަރާނެކަމަށް ބަޔޮސްފިއަރ އޮފީހުން ލަފާކުރައްވައެވެ.