ޚަބަރު

އިލެކްޝަންސްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި


  • މި ފުރުޞަތު ހުޅުވާލީ 3 ޖޫންއާ ހަމައަށް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މި ފުރުޞަތު ހުޅުވާލީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އެ މަޤާމާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން 3 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މި މުއްދަތުގައި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އެ އޮފީހުގެ ވެބްސައިޓުން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި ޢަބްދުލްޙަސީބް އިސްމާޢީލާއާއި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.

މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަޤާމު އޮތީ ހުސްކޮށެވެ. ރައީސްގެ މަޤާމުގައި ހުންނަވާނީ ކޮމިޝަނުގެ މެންބަރުން ހަމަވުމުން އެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެކެވެ.