ތަރައްްޤީ

ޓާޓާ ފްލެޓްތަކުގެ ގުރުއަތުލުން ފަސްކޮށްފި


ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ފްލެޓްތަކަށް ހޮވިފައިވާ މީހުންނަށް، ލިބޭނެ ފްލެޓްތައް ކަނޑައެޅުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުން ފަސްކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޑިރެކްޓަރ ފައިނޭންސް ޢަލީ ޝަރީފް ވިދާޅުވީ ގުރުލުމުގައި އިދާރީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އަންނަ ހަފްތާއަށް ގުރުއަތުލުން ފަސްކޮށްފައިވާކަމަށެވެ. މިއަދު ބާއްވަން އޮތް ގުރުއަތުލުން ކެންސަލްކުރި ކަން ހައުސިން މިނިސްޓްރީން އިއުލާންކުރައްވާފައިވަނީ މިއަދުގެ ގުރުއަތުގައި ބައިވެރިވުމަށް ކަނޑައެޅުނު 148 ފަރާތުގެ މެދުގައި ޤުރުއަތުލުން ކުރިއަށްގެންދިޔުމަށްޓަކައި ރެޖިސްޓްރޭޝަންގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިޔުމަށް ފަހުގައެވެ.

އެޗްޑީސީން ވަނީ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފައިސާދެއްކުމުގައި އެފަރާތްތަކަށް އިޚްތިޔާރުކުރެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށް އޮތް 2 ހަފްތާތެރޭގައި ބޭއްވުމަށް ނިންމާފައެވެ. މިފްލެޓްތައް ލިބޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ފްލެޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބޭންކްތަކާއި ޕެންޝަން ފަންޑުމެދުވެރިކޮށް ކުރެވުނު މަޝްވަރާތަކުން ދަށުން، ފްލެޓްތަކަށް ދައްކަންޖެހޭނީ މިހާރުގެ މާރކެޓް ވެލިއުއަށްވުރެ ދަށް އަގެއްގައިކަމަށް އެޗްޑީސީ އިން ވިދާޅުވެއެވެ. އެ އަގުތައް ވަރަށް އަވަހަށް ޢާއްމުކުރާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫޢުގެ ތެރެއިން، ޢަރަބިއްޔާ ހުރި ބިމުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި ބިމުގައި 198 އެޕާޓްމަންޓް ތަރައްޤީކޮށްފައިވެއެވެ.