ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ތައިލެންޑްގައި ދެއްކުމާމެދު ގޮތެއް ނިންމަން އެ ގައުމުގެ ކެބިނެޓް ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އަވަސް ބައްދަލުވަކަށް ގޮވާލީ މުބާރާތް ފަސް ހަފުތާ އަށް ކައިރިވެފައިވާއިރު ބްރޯޑްކާސްޓިން ރައިޓްސްއާ މެދު ގޮތެއް ނުނިމޭތީ އެވެ. އަދި ތައިލެންޑްގެ ބޮޑުވަޒީރު އަނިއުޓިން ޗާނިވިރަކުލް އިއްޔެ ވަނީ އެ ގައުމުގެ ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކާއި ގައުމީ ޓީވީ ޗެނަލް ހިންގާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ޗެއާމަންއާ ވެސް މަޝްވަރާ ކޮށްފަ އެވެ.
ތައިލެންޑްގެ މީޑިއާތަކުން ބުނާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް އަގަކާ ނުލައި މުޅި ގައުމަށް ހިލޭ ވޯލްޑް ކަޕް ދެއްކުމަށެވެ. މިއީ ކުޅިވަރަށް ލޯބިކުރާ މީހުންނާއި ހަށިހެޔޮ ސިއްހަތެއްގައި ދެމިތުބުމަށް ބާރު އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ތައިލެންޑުން ރައިޓްސް ގަންނަ އަދަދެއް އެއްވެސް ފަރާތަކުން މިހާތަނަށް ނުބުނެ އެވެ.
އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.
ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވަނީ ބްރޯޑްކާސްޓިން ރައިޓްސް އަގުބޮޑުކަމުން މެޗުތައް ދެއްކުމާމެދު ގޮތެއް ނިންމަން ދަތިވެފަ އެވެ. މީގެ ތެރޭގައި ޗައިނާ އާއި އިންޑިޔާ ވެސް ހިމެނެ އެވެ. ރައިޓްސް އަގުބޮޑުވުމުގެ އިތުރަށް ދިމާވާ މައްސަލައަކީ މުބާރާތުގެ މެޗުތައް ކުޅޭ ގަޑިއަކީ މެންދަމާއި ފަތިހާ ހެނދުނު ކަމަށްވުމެވެ. މީގެ ސަބަބުން އާއްމުންނާއި ސްޕޮންސަރުންގެ ޝައުގުވެރިކަން ކުޑަވެ އެވެ.