ސިޔާސީ

ކައުންސިލް އިންތިޚާބަށް އަދާލަތު ޕާޓީން 147 ކެންޑިޑޭޓުން ނެރެނީ


މި އަންނަ ޖެނުއަރީ މަހު އޮންނަ ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީން 147 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީން ބުނީ އެ ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރާނީ 128 ރަށު ކައުންސިލަށާއި 16 އަތޮޅު ކައުންސިލުގެ އިތުރުން ސިޓީ ކައުންސިލެއްގެ 3 ގޮނޑިއަކަށްކަމަށެވެ. ސިޓީ ކައުންސިލްގެ ތެރެއިން އެ ޕާޓީން ކުރިމަތިލާން ނިންމާފައިވަނީ މާލޭގެ 3 ދާއިރާ އަކަށެވެ. އެއީ ހުޅުހެންވޭރާއި ގަލޮޅު ދެކުނުގެ އިތުރުން މާފަންނު ދެކުނު ދާއިރާއެވެ.

އަދާލަތު ޕާޓީގެ ރަޖިސްޓްރާގެ ނައިބު ޙުސައިން ވަފީރު މިއަދު ވިދާޅުވި ގޮތުގައި އެ ޕާޓީން ކައުންސިލްތަކަށް ކުރިމަތިލަނީ އިދިކޮޅު އެމްޑީޕީއާއި ގުޅިގެން، އެއްބަސްވެވޭ ގޮތެއްގެ މަތިން ދާއިރާތައް ފުށުނާރާނެ ގޮތަކަށްކަމަށެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީން ކުރިމަތިލާ ރަށްތައް، އެ ޕާޓީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން އިންތިޚާބުގައި ވާދަކުރާއިރު އެމްޑީޕީން ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްގެ 437 ގޮޑިއަށާއި އަތޮޅު ކައުންސިލްގެ 54 ގޮނޑިއަށާއި ސިޓީ ކައުންސިލްގެ 20 ގޮނޑިއަކަށް ވާދަކުރާނެކަމަށް އެމްޑީޕީން ބުނެއެވެ.