ޚަބަރު

އައްޑޫ ބިޒްނަސް ޑައިލޮގް: ޚިޔާލުތަކާއެކު ހައްލު ހޯދޭނެ


  • މިއީ ވިޔަފާރިތަކުގެ ތަޞައްވުރު ހުށަހަޅަން ލިބޭ ފުރުސަތެއް

  • ފޯރަމް ބާއްވާނީ ބުދަ އަދި ބުރާސްފަތި ދުވަހު

  • ފޯރަމުގައި ނިންމާ ކަންކަން ކެބިނެޓަށް ހުށަހަޅާނެ

އައްޑޫ ބިޒްނަސް ޑައިލޮގާއެކު އައްޑޫ އަތޮޅުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެފަރާތްތަކުން އެދޭ ފަދަ ބަދަލުތަކެއް ގެނެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އައްޑޫ ޑައިލޮގަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ޝިޢާރުގެ ދަށުން ބާއްވާ ދެދުވަހުގެ ފޯރަމެކެވެ.

އައްޑޫ ޑައިލޮގަކީ އައްޑޫސިޓީ އަދި އައްޑޫ އަތޮޅު ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް މުޅި އައްޑޫގެ ވިޔަފާރިތަކަށް ކުރިއެރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ގެނައުމަށް ވިޔަފާރިވެރިންނާއި ކަމާއި ގުޅޭ އެހެނިހެން ޝާމިލްވާ ފަރާތްތައް ގުޅިގެން ބާއްވާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދާނީ ބުދަ އަދި ބުރާފަސްތި ދުވަހުއެވެ.

މިފޯރަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒު ވިދާޅުވީ، އައްޑޫގެ ވިޔަފާރިތަކަށް 3 އަހަރުގެ މުއްދަތައް ހާއްސަ އިނާޔަތްތަކަށް ލިބިދޭ ގޮތަށް މި ސަރަހައްދު ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އަދި އައްޑޫއަކީ އައިޓީ ހަބަކަށް ހެއްދެވުމަށްވެސް އެމަނިކުފާނު ނިންމަވާފައިކަމަށާއި، މިކަންކަމަށް މަގުފަހި ކުރުމަށް މި ޑައިލޮގް މުހިންމުވާ ކަމަށެވެ.

މީގެ ކުރިންވެސް ވިޔަފާރީގެ ދައިރާގެ ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވިފައި ހުރި ނަމަވެސް، ސަރަހައްދީ ގޮތުން ޚާއްސަކުރެވިގެން މިފަދަ މަސައްކަތްތަކެއް ރެވިފައި ނުވާ ކަމަށް ޝިޔާޒު ވިދާޅުވިއެވެ. އެހެންކަމުން ފޯރަމުން ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީވެސް މި ސަރަހައްދުގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުން ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގެ ދަށުން އެބޭފުޅުންނަށް މި ލިބެނީ ފުރުސަތު އެބޭފުޅުން ބޭނުންފުޅުވާ، ތަޞައްވުރު ހުށަހަޅާލަ ދޭން ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް. އަދި އެފަރާތްތަކުން ސިޔާސަތު ކަނޑައެޅުމުގައި އެންމެން ޤަބޫލުކުރާ ހައްލުތަކެއް ހޯދައިގެން ހައްލުތަކާއެކު ކުރިއަށްދާނެ މަގުފަހިކުރުން. މިއީ އެންމެ މުހިންމު ފައިދާއަކަށް ވާނެ ކަމަކީ. އެއީ ބީރަށްޓެހި ޕޮލިސީތަކަށް ނުވާނެ. " ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒު ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ބޮޑު ވިޔަފާރިތަކުގެ ޝައުޤުވެރިކަން މި ފޯރަމަށް ހުރިއިރު، މި ފޯރަމުގެ އައްޑޫގައި ވިޔަފާރި ކުރަން ބޭނުންވާ އަދި އައްޑޫގެ ވިޔަފާރީގެ މާހައުލާއި ގުޅޭ ޚިޔާލެއް އޮތް އަދި ވިޔަފާރިއަށް ފެށުމަށް ބޭނުންވާ ކޮންމެ ފަރާތަކަށް ބައިވެރިވެވޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.

ހަމައެކަނި ފޯރަމެއް ބޭއްވުމުގެ ބަދަލުގައި މި ފޯރަމުގެ ތެރެއިން މިފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ. އާންމުކޮށް ބާއްވާ ފޯރަމްތަކާއި ޚިލާފަށް ފޯރަމުގެ ތެރެއިން ނަތީޖާ ނެރުމަށް ފޯރަމުގައި މަޝްވަރާ ކުރެވޭ ކަންކަން ހިމެނޭ ކަރުދާހެއް ތައްޔާރުކޮށް މުޢައްސަސާތަކުގެ ޚިޔާލު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓަށް ހުށަހަޅާނެ ކަމަށް އިޤްތިޞާދީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ބާއްވާ މި ފޯރަމްގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، މަސްވެރިކަމާއި އަދި އެހެނިހެން ސިނާޢަތްތަކުގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން އަދި މާލީ ވުޒާރާ ހިމެނޭހެން ސަރުކާރުގެ ގިނަ އިދާރާތަކަކުން މި މަޝްވަރާތަކުގައި ބައިވެރިވާނެއެވެ.