ޚަބަރު

މައިންނަކީ ހިތްވަރު ގަދަކަމުގެ ލާމަސީލު ބައެއް، ޝުކުރު ހައްޤު!


  • އިސްލާމްދީނުގައި މަންމައިންގެ މަޤާމު 3 ގުނަ އިތުރު

  • ކޮންމެ ދުވަހަކުވެސް މައިންގެ އަގުވަޒަންކުރަންޖެހޭ

މުޖުތަމަޢެއްގެ ދުޅަހެޔޮކަން ޔަޤީންކުރުމަށާއި ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ އެއްބަޔަކީ މަންމައިންނެވެ. ކޮންމެ އަހަރެއްގެ މޭމަހުގެ ދެވަނައަށްވާ އާދިއްތަ ދުވަސް ދުނިޔޭގެ އެކި ޤައުމުތަކުގައި ފާހަގަކުރަމުންދަނީ މަންމައިންގެ ދުވަހުގެ ގޮތުގަައެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީ މަންމައިންނެވެ. މަންމައިންގެ ހިތްވަރަށް ހަމަ ސާބަސް ހައްޤެވެ. ވަޒީފާއަށް ގޮސް ބުރަކޮށް އުޅެމުން ދަރިންގެ ކަންކަން ބަލާ މަންމައިންނާއި ގޭތެރޭގައި ބުރަ މަސައްކަތްކޮށްގެން ދަރިން ބަލަންތިބޭ މަންމައިންނަށްވެސް ދުވަހުގެ ތަހުނިޔާ ކިޔަމެވެ.

އިސްލާމްދީނުގައި މަންމައިންނަށް ދީފައިވަނީ ވަރަށް މަތިވެރި، ޚާއްޞަ މަޤާމެކެވެ. މަންމަގެ ޙައްޤުތަކާއި، މަންމައަށް ކަމޭހިތުމަކީ އިސްލާމީ އަޚްލާޤުގެ އެންމެ މުހިންމު އެއް ތަނބެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި، މީހަކު "އަހަރެން އެންމެ ހެޔޮކޮށް ހިތަންވީ ކާކަށްތޯ" ތިން ފަހަރަށް ސުވާލުކުރުމުން، ކޮންމެ ފަހަރަކުވެސް އެކަލޭގެފާނު ވިދާޅުވީ "ކަލޭގެފާނުގެ މަންމައަށް" ކަމަށެވެ. ހަތަރުވަނަ ފަހަރު ސުވާލުކުރުމުން ވިދާޅުވީ "ކަލޭގެފާނުގެ ބައްޕައަށް" ކަމަށެވެ. މީގެން މަންމަގެ ޙައްޤު ބައްޕަގެ ޙައްޤަށްވުރެ ތިން ގުނަ މަތިކަން ދޭހަވެއެވެ.

މަންމައަށް ޚިދުމަތްކޮށް، މަންމަ ރުއްސުމަކީ ސުވަރުގެ ވަނުމުގެ އެންމެ މުހިންމު ސަބަބުކަމުގައި އިސްލާމްދީނުގައި ބަޔާންވެގެންވެއެވެ. މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި މަންމަގެ ބަނޑުގައި ދަރިއަކު އުފުލައި، ވޭނާއި ކެކުޅުމާއެކު ދަރިފުޅު ވިހައި، ދަރިފުޅު ބަލަހައްޓަންކުރާ މިންނަތް މަސައްކަތް ފާހަގަކުރައްވައި، މަންމައަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައެވެ.

މުޖްތަމައިގެ ތެރޭގައި މަންމައިންނަށް ވަރަށް ގިނަ ގޮންޖެހުންތައް އަންނަނީ ދިމާވަމުންނެވެ. މާބަނޑުވުމާއި ވިހެއުމާއި ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު ބަސްބަސް ބުނުމާއި ކުޑަ ދަރިފުޅުގެ ހެދިބޮވުމާއި މެދު އެކިކަހަލަ ބަސްތައް އަމާޒު ކުރުމަކީ މައިންނަށް ނުތަނަވަސްކަން ގެނުވައިދޭކަމެކެވެ. އޭގެ ސަބަބުން އެމައިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަކުރުވައެވެ.

ކުދިންގެ ޚަރަދުތައް އެކަނި ބަލާ އެކަނިވެރި މައިންވެސް މި މުޖްތަމައުގައި އެބައުޅެއެވެ. ވަކިވުމަށްފަހު ވަރަށް ގިނަ ބައްޕައިން ކުދިންނަށް ޚަރަދު ނުދިނުމާއި އަޅާލުން ކުޑަވުމަކީ މަންމައިންނަށް އޭގެ ބުރަ އުފުލަން ޖެހިފައިވާކަމެކެވެ.

ދޮށީއުމުރުގެ މަންމައިންނަށް ބުރަކޮށް އުޅޭ ދަރިން، ލޮލަށް ނުފެނި އުޅެން ޖެހުމާއި، ވާހަކަ ދައްކާލާ، ލޯބިން އެކުގައި ވަގުތު ހޭދަކޮށްލަން ނުލިބުމަކީ އެފަދަ މައިންގެ އުދާހެކެވެ. މައިންނަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށްވާއިރު އެކުދިން ބޮޑެތި ވިޔަސް އެކުދިންގެ ލޯތްބާ އަޅާލުމާ، ގާތްކަން ބޭނުންވާ ބައެކެވެ.

މިއަދު އެކިގޮތަގޮތުން މަންމައިންގެ ދުވަސް ފާހަގަކުރާއިރު މަންމައިންގެ ދުވަހަކީ ވަކި ދުވަހެއްގައި ފާހަގަކުރަން އޮތް ދުވަހެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ދުވަހެއް ފާހަގަކުރަނީ މަންމައިންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މިފަދަ ދުވަހަކު މައިންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހެއެވެ.

މަންމައިންގެ ހިތުގެ ޝުޢޫރުތައް އަޑުއަހާ ހިތްވަރުދޭ ބަޔަކަށް ކޮންމެ ދަރިއަކުވެސް ވާންޖެހެއެވެ. މައިންނަށް، ނަފްސާނީ އަދި ޖިސްމާނީ ދުޅަޖެހެޔޮ ދިރިއުޅުމެއް އުޅެވޭ އާމާން ވެއްޓެއް ހޯދައިދޭ ބަޔަކު ކަމުގައި ކޮންމެ ފަރުދަކުވެސް ވާންޖެހެއެވެ.