އީރާނާއި އެމެރިކާއާ ދެމެދު އޮތް މައްސަލަތަކަށް ޞުލްޙަވެރި ޙަައްލެއް މަގުފަހިވާ ކޮންމެ ފަހަރަކު އެމެރިކާއިން ކޮންމެވެސް ނުރައްކާތެރި އަސްކަރީ ޙަރަކާތެއް ފަށާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އީރާންއާ ދެ ފަރާތުން ވެސް ވަނީ ދެ ބައި މީހުން ވެސް ހުރްމުޒް ކަނޑުއޮޅީގައި ޙަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާއިން ވަނީ އީރާނުގެ އިތުރު އުޅަނދުތަކަކަށް ވެސް ޙަމަލާ ދީފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ޢަރާޤްޗީ ވިދާޅުވީ އީރާނަށް ކުރިމަތިކުރުވާ ފިއްތުންތަކަށް ދުވަހަކު ވެސް ނުލެނބޭނެ ކަމަށެވެ. އެމެރިކާއިން ޚިޔާރުކުރާ އަސްކަރީ ފިޔަވަޅުތަކަކީ އީރާނަށް އިތުރު ފިއްތުންތައް ކުަރިމަތިކުރުވައި، އޭގެ ސަބަބުން އެ ޤައުމުން ދޫދޭތޯ އެމެރިކާއިން ޚިޔާރުކުރާ މަގެއްތޯ އޭނާ ވަނީ ސުވާލުކުރައްވައިފައެވެ. ނުވަތަ އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ބަޔަކު ނުފޫޒު ފޯރުވައި ޙާލަތު އިތުރަށް ގޯސްކުރުމަށް ކުރުވައި ކަމެއްތޯ އޭނާ ވަނީ އައްސަވައިފައެވެ.
ޙަމަލާތައް ބަދަލުކުރަމުންދާ ނަމަވެސް ޓްރަމްޕް ވިދާޅުވަނީ މިދިޔަ މަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމިއޮޓް ކަމަށާއި އެއްބަސްވުމަށް އަދިވެސް ޢަމަލުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް އައުމަށް މަސައްކަތް ކުރަމުންދާއިރު، އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަކަށް އީރާނުން ވަރަށް އަވަހަށް ޖަވާބުދާރީ ވާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު، މާކޯ ރޫބިޔޯ ވެސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު އީރާނުން ވެސް ވަނީ އެމެރިކާއާއި ޔަހޫދީންގެ މަސްލަތު ހިމެނޭ ތަންތަނަށް ރައްދުގައި ވަރުގަދަ ޙަމަލާތައް ދީފައެވެ. އަދި ގޭހާއި ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ވެސް އީރާނުން ވަނީ ހުރަސްއަޅައިފައެވެ. އެ މަގަކީ ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ 20 އިންސައްތަ އެ މަގަކުން އުފުލާ މުހިންމު މަގެކެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
މި ހަފްތާގެ ކުރީކޮޅު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހުރްމުޒް ކަނޑުއޮޅި ހުރަސް ނުކުރެވި ތާށިވެފައިވާ 2،000އެއްހާ އުޅަނދަށް އެ ކަނޑުއޮޅި ހުރަސްކުރުމަށް އެހީތެރިވުމަށް ޚާއްޞަ ޙަރަކާތެއް ފަށައިފައެވެ. ނަމަވެސް މިހާރު ވަނީ އެ ޙަރަކާތް މަޑުޖައްސާލައިފައެވެ.
އޭގެ އިތުރުން އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތަކުން އުޅަނދުފަހަރު ލަފާފުރުމަށް ވެސް ހުރަސްއަޅަމުންނެވެ. އެއީ އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން އެއްބަސްކުރުމަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅެކެވެ. އޭގެ ސަބަބުން އީރާން ވަނީ އެމެރިކާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެމެރިކާއިން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އީރާނުގެ ދެ ތެޔޮ ޓޭންކަރަކަށް ޙަަމަލާދީ، އީރާނުގެ ބަނދަރަކަށް އެ އުޅަނދުތައް ކައިރިކުރުން ހުއްޓުވައިފައެވެ. ސެންޓްކޮމުން ބުނީ އީރާނުގެ 70އަށްވުރެ ޓޭންކަރު އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވާފައިވާ ކަމަށެވެ.