މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ 3 ޓަގުބޯޓު، ޑިޒައިންކޮށް ބަނުމަށް އިންޑިޔާގެ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.
35 މިލިއަން ރުފިޔާއަށް މި މަސައްކަތް ޙަވާލުކުރެއްވީ ވިޖެއި މެރިން ޝިޕްޔާޑް ގޯއާ ކުންފުންޏާއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުއާދުއެވެ. އިންޑިޔާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބިޒްނަސް ހެޑް، ސޫރަޖް ޖައިރަމެވެ. ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުއާދު ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމްކުރެވޭ ކުނިމެނޭޖްކުރާ މަރުކަޒު އޮޕަރޭޝަނަން ގެނައުމަށް، ޒަމާނީ ވަޞީލަތްތައް ހޯދަމުން އަންނަ ކަމަށާއި، މިހާރު އެ ކުންފުނީގައި ހުރި ތަކެއްޗަކީ ގިނަ ދުވަސްވުމާއި، އަޅާ ނުލެވުމުގެ ސަބަބުން ބޭނުން ނުކުރެވޭ ޙާލަތުގައި ހުރި އެއްޗެހި ކަމަށެވެ.
"އަޅުގަނޑުމެން ޙަވާލުވިއިރު، ގިނަ ވެހިކަލްތައް ހުރީ ވަރަށް ބޮޑަށް ޙަލާކުވެފައި. ބައެއް ޓަގުތައްވެސް ބޭނުންކުރާނަމަ ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ.. އަދި މިހާރު ކުނި އުފުލަމުން މިދަނީ ކުއްޔަށް އެފަދަ އުޅަނދު ނަގައިގެން.. އެހެންވީމާ މިކަމަށް ޑިޒައިން ކުރެވިފައިވާ ޓަގު ބޯޓުތަކެއް ހުރުމަކީ ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވޭނެ ކަމެއް.." ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވިއެވެ.
ޑިޒައިންކޮށް ބަނުމަށް ޙަވާލުކުރެވުނު ޓަގު ބޯޓްތަކަކީ އެއްފަހަރާ 400 ޓަނުގެ ކުނި އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ޓަގުތަކެއް ކަމަށް ފުވާދު ވިދާޅުވިއެވެ. އަދި ޓަގު ބޯޓުގެ އިތުރުން، 10 ކޮމްޕެކްޓަރ ޓްރަކާއި، 20 ކޮންޓެއިނަރ ޕިކަޕާއި 40 ޓްރައިސިކަލް ގެނައުމަށް މިދިޔަ ސެޕްޓެމްބަރު މަހު ބަޔަކާ ޙަވާލުކުރެވިފައިވާކަން ފުއާދު ފާހަގަކުރެއްވިއެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ކުނި މެނޭޖްކުރާ މަރުކަޒު ހެދުމަށް އެއް ހެކްޓަރުގެ ބިން ކަނޑައަޅާފައިވެއެވެ. ވެމްކޯއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޢަމަލީ މަސައްކަތްތައް ރަސްމީގޮތުން ފެށުމަށެވެ.