ޚަބަރު

ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް


  • މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން 405 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު

  • ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ވަނީ 256 މިލިޔަން ރުފިޔާ ލިބިފައި

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުގެ ކުއާޓަރލީ ރިޕޯޓުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ، މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ، މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

ދިރާގުން އާއްމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ވަނީ، 405 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ލިބިފައިވަނީ، 397 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %2 ކުރިއެރުމެކެވެ.

މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. ދިރާގުގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 303 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 310 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު %2.4 ދަށްވުމެކެވެ.

ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ، 256 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 295 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 220 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 252 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު ދަށް އަދަދެއްކަމަށް އެ ކުންފުނީގެ ކުއާޓަރލީ ރިޕޯޓުން ދައްކައެވެ.