ތަރައްްޤީ

މާލޭ މަގުހެދުމުގެ ތެރެއިން ކާނުތައް ފެއްތުމުގެ މަސައްކަތް ފަށަނީ


މާލޭގެ މަގުތައް ތަރައްޤީ ކުރެއްވުމަށް ހޮނިހިރު ދުވަހު ފެއްޓެވި މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި، ކާނުތައް ފެއްތުމުގެ މަސައްކަތް މާދަމާ ފަށްޓަވާނެ ކަމަށް ހއުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބްލޮކްގެ މަސައްކަތް ދެ ހަފްތާތެރޭގައި ނިންމެވުމަށް ވަނީ އަމާޒުކުރައްވާފައެވެ. މަސައްކަތް ފެށިގެން މިހާތަނަށް އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި ދިމާވާ ކަމަކީ، ހޮޅިތަކަށް ގެއްލުން ނުދީ މަސައްކަތް ކުރިޔަށް ގެންދެވުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢު ހިންގެވުމަށް ހަމަޖެހިފައިވަނީ ސީދާ ހައުސިންގ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން، އެ މިނިސްޓްރީން މަސައްކަތް ހިންގަވާގޮތަށެވެ. މިގޮތަށް ހަމަޖެއްސެވީ، މަސައްކަތުގެ ސްޕީޑް އަވަސްކުރައްވައި، ޚަރަދުކުޑަކުރެއްވުމުގެ ގޮތުންކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ 13 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ހައުސިންގ މިނިސްޓްރީން ޚާއްޞަ ޓައިމްލައިނެއް ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ ދަށުން، މަޖީދީމަގު މަރަމާތުކުރެއްވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ، މަޖީދީމަގުގެ 200 މީޓަރ 9 ބަޔަކަށް ބައްސަވާލައްވައިގެން، ކޮންމެ ބައެއް ދެހަފްތާގެ ތެރޭގައި ނިންމަވާގޮތަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ފުރަތަމަ މަސައްކަތް ކުރިއަށް ގެންދަވާނީ މަޖީދީމަގު ހުޅަނގުކޮޅުން ރަސްފަނާ ހިސާބުން ފެށިގެން ޢިއްޒުއްދީން މަގާ ދެމެދުގެ ސަރަޙައްދެވެ.

މަޖީދީމަގުގެ މަސައްކަތް މުޅިން ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ 4 ފެބްރުއަރީ 2017ގައެވެ. ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ވެހިކަލް ދުއްވާ މަގުތަކަކީ މާލޭ ސިޓީގެ މަގުތައް ކަމަށްވެފައި، މާލޭ ސީޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢާއެކު މަގުތައް އެއްވަރުނުވުމާއި، ވިއްސާރަ މޫސުމަށް މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް މި މަޝްރޫޢުން ލިބިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެެވެ.