ތިމާވެށި

ވިއެޓްނާމް ބޯޓު އިންޑިޔާ ކަނޑަށް އަޑިޔަށް ހިނގައްޖެ


ފުވައްމުލައްސިޓީގެ ފަރަށްއެރި ވިއެޓްނާމްގެ ބޯޓު ރާއްޖެއިން ބޭރަށް ގެންދަނިކޮށް އިންޑިޔާ ކަނޑަށް އަޑިޔަށް ހިނގައްޖެއެވެ.

މިބޯޓް އަޑިއަށް ދިޔައީ ބޯޓް މަރާމާތުކުރުމަށް ޓަގުބޯޓެއްގެ ކަފުޖަހައިގެން ރާއްޖެއިން ބޭރަށް ގެންދަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރަށް އިންޑިއާ ކަނޑަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، މި ބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ޖޫރިމަނާގެ ކަންތައް ނުނިމެނީސް ބޯޓު ރާއްޖެއިން ފުރުމުގެ ހުއްދަދެއްވީ، ފަރަށް އެރުމުގެ ސަބަބުން އެބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، ބޯޓު މަރާމާތުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް ވިއެޓްނާމްގެ ސަރުކާރުން އެދުމުން ކަމަށެވެ.

ފުވައްމުލަކު ފަރަށް ބޯޓް އެރިތާ މަހަކަށްވުރެ ގިނަދުވަސްވީ ފަހުން ބޯޓު ފުންކުރެވުނުއިރު ބޯޓަށް ގެއްލުންވެ، ބޯޓު ދިޔަވާން ފެށުމުން އެ ބޯޓުގެ ފަޅުވެރިން ވަނީ ބޯޓު ރާއްޖެއިން ފުރުމުގެ ކުރިން ބޯޓުން ބާލާފައެވެ. ވިއެޓްނާމްގެ ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފުވައްމުލަކަށް ދިޔައީ އެރަށުގެ ފެނާއި ނަރުދަމާ ޤާއިމު ކުރެއްވުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ.