ޚަބަރު

ތިނަދޫ ފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް


  • މަސައްކަތް ކުރިއަށް ދަނީ 5 ފިޔަވައްސަކަށް ބަހާލައިގެން

  • ކަރަންޓު ވަޔަރުތައް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ފާލަމުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ދަނީ ކުރަމުން

ތިނަދޫ ސިޓީއަކީ، އާބާދީގެ ނިސްބަތުން ބަލާއިރުވެސް ހުވަދުއަތޮޅުގެ އެންމެ މީހުން ގިނަ ރަށެވެ. ރަށުގައި ޤާއިމްކޮށްފައިވާ ޚިދުމަތްތަކުގެ ސަބަބުން ތިނަދޫ ވެގެންދަނީ، ކޮންމެ ދުވަހަކުވެސް ހުވަދު އަތޮޅުގެ އެތައް ބަޔަކު އަރާފައިބާ ރަށަކަށެވެ.

ޚާއްސަކޮށް ސިއްޙީ ޚިދުމަތްތައް ހޯދުމަށާއި، ތަޢުލީމާއި، ބޭންކުގެ ޚިދުމަތްތަކާއި އަދި މިނޫނަސް ކޮންމެހެން ކުރަން ޖެހޭ އެތައް ކަމެއް ކުރުމަށް ތިނަދޫއަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތް ކުރެއެވެ.

ކައިރީގައި އެއާޕޯޓުތައް އޮތުމާއެކު، ތިނަދޫގެ ބަނދަރަށް ކޮންމެ ދުވަހަކުވެސް އެތައް އުޅަނދެއް ކައިރި ކުރެއެވެ. ލަފާފުރާ ގިނަ މީހުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ތިނަދޫގައި ފާލަމެއް ނެތުމުގެ ކަންބޮޑުވުމެވެ.

އެކި ސަރުކާރުތަކުން ތިނަދޫގައި ފާލަންތައް ތަރައްޤީ ކޮށްފައިވެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ އެކި ފަހަރުމަތިން ފާލަން އިތުރަށް ތަރައްޤީ ކޮށްފައިވެއެވެ.

ތިނަދޫގައި މިހާރު އޮތް ފާލަން އިތުރަށް ތަރައްޤީ ކުރުމަށް ފެށި މަސައްކަތް ދިގުދެމި ފާލަމެއް ނެތުމުގެ އުނދޫގޫތައް އެރަށުގެ ރައްޔިތުންނާއި، ރަށަށް އަރައި ފައިބާ ފަރާތްތަކުންވެސް ދަނީ ތަހައްމަލު ކުރަމުންނެވެ.

ތިނަދޫ ފާލަން ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާލަމަށް ފައިބާ ސަރަހައްދުގެ އާބާތުރަ ފިލުވައި، ފާލަމުގެ ހިޔާކޮށްފައި ހުންނަ ބައި ބަދަލު ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، މި މަސައްކަތުގެ ތެރެއިން ކަރަންޓު ވަޔަރުތައް ބަދަލު ކުރުމާއި، ފެނާއި ނަޖިސް ބޭރުކުރާ ހޮޅި އަލުން އެޅުމަށް ހަމަޖެހިފައިވެއެވެ.

ތިނަދޫ ފާލަން ތަރައްޤީ ކުރުމުގެ މަޝްރުޢޫގެ މަސައްކަތް ކުރިއަށް ގެންދަނީ، 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން މިހާރު ހުރި ފުރާޅުގެ ޝީޓްތަކާއި، ލަކުޑި ފްރޭމިން އަދި ސީލިން ތަޅާލާ، އައު ރޫޕް ޓޮޕެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އައު ކަރަންޓު ވަޔަރުތައް އެޅުމާއި، ފެނާއި ނަޖިސް ބޭރުކުރާ ހޮޅިތައް އަލުން އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މީގެއިތުރުން މި މަޝްރޫޢުގެ ތެރެއިން މޫސުމަށް އަންނަ އެކި ބަދަލުތަކަށް ގުޅޭނެ ގޮތަށް ފާލަމުގައި ކުލަލުމާއި، މުޅި މަޝްރޫޢު ނިންމުމަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ނިމި، އާންމުންނަށް ބޭނުންކުރެވެން ފެށުމާއެކު، އެރަށުގެ ރައްޔިތުންނަށާއި، ރަށަށް އަރައި ފައިބާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމާމެދަކު ޝައްކެއްނެތެވެ.