ޚަބަރު

މުހިންމު މޮޅަކާއެކު ޕީކޭއިން ގްރާންޑޭ ފަހަތަށް ޖައްސާލައިފި


  • މިއީ ޕީކޭއިން މުބާރާތުގައި ހޯދި ދެވަނަ މޮޅު

  • ގަރާންޑޭ ވެސް ވަނީ ދެމެޗު ކާމިޔާބުކޮއްފަ

މާލެ ރީޖަނަލް ލީގު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުލަބު ޕީކޭ އިން މުހިންމު މޮޅެއް ހޯދާ ގްރާންޑޭ ފަހަތައް ޖައްސައިލައިފިއެވެ. ޕީކޭ މެޗު ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ.

މި މޮޅާއެކު 6 ޓީމު ވާދަކުރާ ގުރޫޕުގެ ތަންވަނައަށް ޕީކޭ ވަނީ ޖެހިލާފައެވެ. އެއީ ގްރާންޑޭ އަށް ވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެން 7 ޕޮއިންޓާއެކުވެ. ގުރޫޕުގެ އެއްވަނައިގަ ޖޭޖޭ އޮތީ 9 ޕޮއިންޓާއެކުއެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން ފަސްވަނަ މިނިޓުގައި ޕީކޭއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޖުމަލް އަހުމަދެވެ. އަޖުމަލް މި ލަނޑު ކާމިޔާބު ކުރީ އަލީ ޝަމާލް އަބްދުﷲ ދިން ބޯޅައަކުންނެވެ.

ޕީކޭގެ ލަނޑަށްފަހު މާއެދެވޭ ހަމަލާއެއް އެޓީމަށް ނުފެއްދިގެން އުޅެނިކޮށް ގްރާންޑޭގެ ހަސަން އިމްރާން އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އިމްރާން ފޮނުވާލި ބޯޅަ ދިއައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ޕީކޭގެ ދަވަނަ ލަނޑުޖެހީ މެޗުގެ 36 ވަނަ މިނިޓުގައި އޭރިއާ ބޭރުން އަޖުމަލް އަހުމަދު ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޝަމާލް ގޯލަށް ވައްދާލި ބޯޅައިންނެވެ.

މެޗު ދެވަނަ ހާފު ފަށައިގެން ގްރާންޑޭ އިން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހި ހަމަލާތައް އުފައްދަން މަސައްކަތް ކުރި މި ހާފުގެ ކުރީކޮޅު މުސްރިފް މޫސާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއެއް ޕީކޭގެ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ޕީކޭ އަށް ތިންވަނަ ލަނޑެއް ޖެހުމަށް ޝަމާލަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ.

މެޗުގެ 72 ވަނަ މިނިޓުގައި ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ގްރާންޑޭގެ އިބްރާހިމް އަމީރު އޭރިއާ ތެރެއަށް ފޮނުވާލި ބޯޅައެއް މުސްރިފް ފޮނުވާލުމުން ވަނީ ގޯލާ ސީދާވާގޮތް ނުވެފައެވެ.

މިއީ ޕީކޭއިން މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ.