ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައިގެ ނުރައްކާ ދުނިޔޭގެ މުވާޞަލާތީ ނިޒާމަށް


ޞަޔްހޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގައި ކަނޑުގެ އަޑީގައި އަޅާފައިވާ މުވާޞަލާތީ ކޭބަލްތަކަށް ލިބިދާނެ ގެއްލުމަކުން މުޅި ދުނިޔޭގެ މުވާޞަލާތީ ނިޒާމު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އިންޓަރނެޓު މެދުވެރިކޮށް ކުރާ މުވާޞަލާތުގެ %99 މަޢުލޫމާތު ބަދަލުކުރަނީ ކަނޑުގެ އަޑިން އަޅާފައިވާ ސަބްމެރިން ކޭބަލްތައް މެދުވެރިކޮށެވެ. އަދި، މި ކޭބަލްތަކަކީ ބައިނަލްއަޤުވާމީ އިޤުތިޞާދުގެ މައިބަދައެވެ. އެކުވެރި ދައުލަތްތަކުގެ މުވަޞަލާތީ އިދާރާއިން (އައިޓީޔޫ) ބުނީ، މި ނާޒުކު ވަސީލަތްތަކަށް ލިބޭ ކޮންމެ ގެއްލުމަކީ ދުނިޔޭގެ މާލީ މުޢާމަލާތުތަކާއި ޑިޖިޓަލް ވިޔަފާރިތަކަށް ކުރިމަތިވާނެ އިޢާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ކަމުގައެވެ.

އޭޝިޔާއާއި ވިލާތުގެ ޤައުމުތައް ގުޅުވައިދޭ މައި ކޭބަލްތައް ކަމުގައިވާ އޭއޭއައި-1، ފެލްކަން އަދި ޖީބީއައި ފަދަ ވިއުގަތައް އަޅާފައި އޮތީ ހުރްމުޒް ކަނޑުއޮޅިންނެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ފަދަ ޤައުމުތަކުން އާޓިފިޝަލް އިންޓެލިޖެންސްގެ ވަސީލަތްތައް ތަަރައްޤީކުރުމަށް ވުނަކޮށްފައިވާ އެތައް ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓުތައް ހުޅަނގު އޭޝިޔާގައި އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގައެވެ. މި ކޭބަލްތަކުގެ ނާޒުކުކަމާ މެދު އީރާނުން ވެސް އިންޒާރު ދީފައިވާއިރު، ބަޙްރަޔިންއާއި ޔޫއޭއީގައި ހުންނަ އެމެޒަން ވެބް ސަރވިސަސްގެ ޑޭޓާ ސެންޓަރުތަކަށް މިހާރު ވެސް ވަނީ ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައެވެ.

ހަނގުރާމައިގެ ތެރެެއިން ކޭބަލްތަކަށް ސީދާ ޙަމަލާއެއް އަމާޒުކޮށްފައި ނެތް ނަމަވެސް، ގެއްލުންވެ ބެހިގެންދާ އުޅަނދުފަހަރުގެ ނަގިލި ކަހައިގެން ގޮސް ކޭބަލްތައް ބުރިވުމުގެ ފުރުޞަތު ބޮޑު ކަމުގައި ޓެލެޖިޔޮގްރަފީގެ މާހިރުން ބުންޏެވެ. މީގެ ކުރިން 2024 ވަނަ އަހަރު ޞަހްޔޫނީންނަށް ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް ޙޫޘީ ޖަމާޢަތުން ދިން ޙަމަލާއެއްގައި ގެއްލުންވި އުޅަނދެއްގެ ނަގިލިން ވެސް ކޭބަލްތަކަށް ގެއްލުން ލިބިފައިވެއެވެ. ހަނގުރާމަ ދިގުލައިގެން ދާނަމަ، މި ފަދަ ނުސީދާ ހާދިސާތައް ހިނގުމުގެ ފުރުޞަތު އިތުރުވެ، މުޅި ސަރަޙައްދުގެ ޑިޖިޓަލް ގުޅުންތައް މެދުކެނޑިދާނެ ކަމުގެ ބިރު ބޮޑުކަމުގައި މާހިރުން އިންޒާރުކުރިއެވެ.

ކޭބަލްތަކަށް ގެއްލުން ލިބުމުން އެ ތަކެތި މަރާމާތު ކުރުމަކީ ވެސް ބޮޑު ގޮންޖެހުމެއް ކަމުގައި މާހިރުން ބުންޏެވެ. ހަނގުރާމައިގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކުން ހޯދަންޖެހޭ ހުއްދަތަކާއި، ޤައުމުތަކުގެ ސަރަޙައްދީ ކަނޑަށް ވަނުމަށް ބޭނުންވާ ހުއްދަ ހޯދުމަކީ ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމެއް ކަމުގައި މާހިރުން ހާމަކުރިއެވެ. ހަނގުރާމަ ނިމުމަކަށް ގެނެވުނު ނަމަވެސް، ޙަމަލާތަކުގައި ގެއްލުންވެ ފެތޭ އުޅަނދުފަހަރުގެ ސަބަބުން ކޭބަލްތައް މަރާމާތުކުރުމަށާއި އައު ކޭބަލް އެޅުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި ވެސް މާހިރުން އިންޒާރު ކުރެއެވެ.