ފްރާންސްގެ ގައުމީ ޓީމުން ބޭނުންވާނަމަ ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެ ގައުމުގެ ތިން ވަނަ ކީޕަރުކަން ކުރަން ތައްޔާރު ކަމަށް ކުރީގެ މަޝްހޫރު ގޯލްކީޕަރު ހޫގޯ ލޮރިސް ބުނެފި އެވެ.
އެމެރިކާގެ ލޮސް އެންޖަލިސް އަށް ކުޅެމުން އަންނަ ލޮރިސް އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިން ކެޕްޓަނެވެ. އަދި އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލްގައި ވެސް ފްރާންސްގެ ގޯލް ބެލެހެއްޓީ އޭނާ އެވެ. ގައުމީ ޓީމަށް ކުޅުން އޭނާ ހުއްޓާލީ މި މުބާރާތަށް ފަހު އެވެ.
އުމުރުން 39 އަހަރުގެ ކީޕަރު ބުނީ ފްރާންސްގެ ޒުވާން ކީޕަރުންނަށް އެހީތެރިވެދޭން އޭނާ ބޭނުންވާ ކަމަށެވެ.
"އަހަރެން ބޭނުން އެހީވާން. އަހަރެން މިހުރީ ގައުމީ ޓީމުން ބޭނުންވާނަމަ ތިން ވަނަ ކީޕަރަކަށް ވެސް ވޯލްޑް ކަޕުގައި ކުޅެދޭން ތައްޔާރަށް. އަހަރެންނަށް އެނގޭ މިހާރު ޒުވާން ކީޕަރުން ތިބުމާއެކު ގައުމީ ޓީމަށް ތަޖުރިބާ ވެސް ބޭނުންވާކަން. އެކަމަކު އެކަމަށް ގޮތެއް ނިންމާނީ ގައުމީ ޓީމުން،" ލޮރިސް ބުންޏެވެ.
ގައުމީ ޓީމަސް 140 މެޗު ކުޅެދީފައިވާ ކީޕަރު ބުނީ ފްރާންސްގައި އޮތީ މި ފަހަރުގެ ވޯލްޑް ކަޕުގައި ވެސް ތަށި ހޯދޭނެ ފެންވަރުގެ ޓީމެއް ކަމަށެވެ.
"އެކަމަށް ބޭނުންވަނީ ޓީމު ވޯކާއި ކުޅުންތެރިންގެ އެކުވެރިކަމާއި ރޭވުންތެރިކަން. ފްރާންސަކީ އަހަރެން ދެކޭ ގޮތުގައި ތަށި ހޯދޭނެ ޓީމެއް،" ލޮރިސް ބުންޏެވެ.
ފްރާންސްގެ ގައުމީ ޓީމުގެ މިހާރުގެ އެއްވަނަ ކީޕަރަކީ އޭސީ މިލާނުގެ ކީޕަރު އުމުރުން 30 އަހަރުގެ މައިކް މައިގްނަން އެވެ. ދެން ތިބީ 32 އަހަރުގެ ކީޕަރު ސަންބާ އާއި ޕީއެސްޖީގެ ކީޕަރު ލޫކަސް ޗިވާލިއާ އެވެ. މީގެ ތެރެއިން ސަމްބާ ގައުމީ ޓީމަށް ކުޅުނީ ހަތަރު މެޗެވެ. ކިވާލިއާ ކުޅުނީ އެންމެ މެޗެކެވެ. އަދި މައިގްނަން ކުޅެދީފައިވަނީ 38 މެޗެވެ.