ޚަބަރު

ޝައިނިން ސްޓާ، އިންވިކްޓޯ، އެން ސްޕޯޓްސް އަދި ފިއޯންތީ ސެމީ އަށް


  • ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ވާދަކުރާނީ އެސްސީ ޝައިނިން ސްޓާއާއި އިންވިކްޓޯ ސްޕޯޓްސް ކްލަބް އަދި އެން ސްޕޯޓްސް އެކަޑަމީއާއި ފިއޯންތީ ސްޕޯޓްސް އެކަޑަމީ

  • ފައިނަލް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު

ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 23 ވަނަ ގައުމީ ނެޓުބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ސެމީއަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގެ މެޗުތައް މިމަހުގެ 29 ވަނަ ދުވަހުގެ ރެޔަށް ތާވަލުކޮށްފަވާއިރު ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެސްސީ ޝައިނިން ސްޓާއާއި އިންވިކްޓޯ ސްޕޯޓްސް ކްލަބެވެ. ސެމީގެ ދެވަނަ މެޗުން ޖާގަ ކަށަވަރުކުރި އެން ސްޕޯޓްސް އެކަޑަމީ ނުކުންނާނީ ފިއޯންތީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ

ގައުމީ ނެޓުބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް އިއްޔެ ކުޅެފަވާއިރު ފުރަތަމަ މެޗުގައި ވާދަކޮށްފަވަނީ ޔޫތް ޔުނައިޓެޑް އެސްސީއާއި އެސްސީ ޝައިނިން ސްޓާއެވެ. މިމެޗު ފަސޭހަކަމާއެކު 61-19 އިން އެސްސީ ޝައިނިން ސްޓާވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޖީއޭ އާމިނަތު މާހިޔާ މުހަންމަދުއެވެ.

އިއްޔެގެ ދެވަނަ މެޗުގައި ޒެނިތް ސްޕޯޓްސް ކުލަބުންވަނީ ހާސްކަމެއްނެތި 34-08 ގެ ބޮޑު ފަރަގަކުން ޔުނައިޓެޑް ސީސީ ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒެނިތް ޖީކޭ ސާޖިދާ މުފީދްއެވެ. ދެވަނަ ޑިވިޝަނުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް އިއްޔެ ނިންމާލާފައިވާއިރު، ފަހު މެޗުގައި ވާދަކުރީ އާޖީލަކަށް އަދި ބްލެކް ޕެންތާސް އެސްސީއެވެ. ގާތްގާތުގައި ސްކޯ ކުރަމުންދިޔަ މިމެޗު ބްލެކް ޕެންތާސްއިން ކާމިޔާބުކުރީ ޕޮއިންޓެއްގެ ތަފާތުން 28-27 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބްލެކް ޕެންތާސްގެ ޖީއޭ އާމިނަތު ޔޫލީ މުހަންމަދުއެވެ.

ގައުމީ ނެޓުބޯޅަ މުބާރާތުގަ މިއަދު ކުރިއަށްދާނީ ފުރަތަމަ ޑިވިޝަނުގެ ދެ މެޗެކެވެ. އެގޮތުން ހަވީރު ފުރަތަމަ މެޗު ކުޅޭއިރު އެއްކޮޅުން ނުކުންނާނީ ދާދިފަހުން ނިމިގެންދިޔަ ނެޓްބޯޅަ ލީގުގެ ޗެންޕިއަން ޓީމު ކްލަބް މެޓްރިކްސްއެވެ. އެޓީމާ ދެކޮޅަށް އެމްވީ ނެޓާސް ނުކުންނައިރު، ރޭގަނޑުގެ މެޗުގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އަދި ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އެވެ.

މިމުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު ހަވީރު 04:45 އަށް ތާވަލުކޮށްފަވާއިރު ފުރަތަމަ ޑިވިޝަނުގެ ފައިނަލް ކުޅޭނީ އެރޭ 08:00 ގައެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ.