ބެޑްމިންޓަންގެ ސްކޯރިން ސިސްޓަމް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިންސެޓު ކުޅޭނީ 15 ޕޮއިންޓަށްކަމަށް ބަދަލުކޮށް އަންނަ އަހަރުން ފެށިގެން އައު ސިސްޓަމަށް އަމަލުކުރަން ފާސްކޮށްފިއެވެ.
3 ސެޓު 15 ޕޮއިންޓަށް ކުޅޭ ގޮތަށް އައު ސްކޯރިން ސިސްޓަމް ކަނޑައަޅާ ބީޑަބްލިއުއެފްއިން ފާސްކުރީ ޑެންމާކުގައި ބޭއްވި އެ ފެޑެރޭޝަނުގެ 87 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ރާއްޖެއިންވެސް ތާއީދުކުރި މި ގަވާއިދު ފާސްކުރީ 82.16 އިންސައްތަ މެންބަރުންގެ ތާއީދާއެކުގައެވެ. އެއީ 198 މެންބަރުންނެވެ. މި ބަދަލާއި ދެކޮޅަށް ވޯޓު ދިނީ 17.83 އިންސައްތަ މެންބަރުންނެވެ. އެއީ 43 މެންބަރުންނެވެ.
މި ބަލާއެކު ބެޑްމިންޓަން އާއި ޕެރަ ބެޑްމިންޓަންގައިވެސް ސެޓު ކުޅޭނީ 15 ޕޮއިންޓަށެވެ. މި ބަދަލާއެކު ކޮންމެ މެޗެއްވެސް ކުޅޭނީ 15 މިނިޓުގެ ތިން ސެޓަށެވެ. މީގެ ކުރިން ސެޓުތައް ކުޅުނީ 21 ޕޮއިންޓަށެވެ.
ނަމަވެސް ރެލީ ޕޮއިންޓަށް ބަދަލެއް ނާންނާނެއެވެ. 14 ޕޮއިންޓުން ދެ ކުޅުންތެރިން ނުވަތަ ދެ ޓީމު އެއްވަރުވެއްޖެނަމަ މޮޅުވާ ކުޅުންތެރިއެއް ނުވަތަ ޓީމެއް ކަނޑައަޅާނީ އިތުރު ދެ ޕޮއިންޓުންނެވެ. ދެ ސެޓު ދޭތެރެއިން ލިބޭ ހުސްވަގުތުކޮޅަކީ ކުރިއެކޭވެސް އެއްގޮތަށް 120 ސިކުންތެވެ.
ސްޓޭންޑަޑް ސިސްޓަމަށް 15x3 ސްކޯރިން ސިސްޓަމް ބަދަލުކުރިނަމަވެސް މެންބަރު އެސޯސިއޭޝަންތަކުން ބާއްވާ ލޯކަލް މުބާރާތްތަކުގައި 21 ޕޮއިންޓަށް ކުޅޭ އުސޫލު ބޭނުން ކުރެވޭނެއެވެ.
ބީޑަބްލިއުއެފް އިން ބުނީ އައު ސްކޯރިން ސިސްޓަމު، 04 ޖެނުއަރީ 2027 ން ފެށިގެން ތަންފީޱު ކުރަންފެށުމަށް، މި ތާރީހު ކަނޑައެޅީ، މުބާރާތުގެ ގަވާއިދުތަކާއި، ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކާއި، ކަމާބެހޭ ޓެކްނޮލޮޖީ ޕްލެޓްފޯމްތައް އަޕްޑޭޓް ކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ކަމަށެވެ.