ބާރުގަދަ މަޖިލީހަކަށް ވެވޭނީ ދެމެހެއްްޓެނިވި ގޮތެއްގައި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރެވޭ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ކޮމަންވެލްތުގެ ސީޕީއޭ ސްމޯލް ބްރާންޗަސް ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ ރާއްޖޭގައި މި ވޯކްޝޮޕް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއާއި ކޮމަންވެލްތާއި އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކާ އޮތް ގުޅުމަކީ މުހިންމު ގުޅުމެއް ކަމަށެވެ. އެގޮތުން ރާއްޖޭން ޑިމޮކްރަޓިކް މުއައްސަސާތައް ކުރިއަރުވައި ޖަވާބުދާރީ ކުރުވުން އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސްތައް މަސައްކަތް ކުރަންވާނީ ވަކި އަމާޒަކަށް މިނިވަންކަމާއެކުގައި ކަމަށާއި އެހެން ނޫންނަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި ބާރުގަދަ މަޖިލީހަކީ ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކުގެ މައްޗަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާ، ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސަރުކާރުތައް ޖަވާބުދާރީ ކުރުވާ މަޖިލިސްތައް ކަމަށާއި މި މަސައްކަތުގައި ސީޕީއޭ ސްމޯލް ބްރާންޗަސް ވޯކްޝޮޕް އެހީއަކަށްވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ވޯކްޝޮޕާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ސީޕީއޭއަކީ އެކި ގޮތްގޮތުން ރައްޔިތުންގެ މަޖިލީހަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމުޢިއްޔާއެއް ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ޒަރީއާއިން އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެންމެންގެ ބައިވެރިވުން އިތުރުކޮށް މަޖިލީހުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އީ ޕެޓިޝަން ނިޒާމާއި ޕްރެކްޓިސް ޕާލިމަންޓަކީ ރައްޔިތުން އިތުރަށް ބާރުވެރިކުރުވައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ކުޑަ ޤައުމުތަކަށް ޑިމޮކްރަސީގައި ދިމާވާ ގޮންޖެހުންތައް ބޮޑު ކަމަށާއި އެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެނީ މަދު ވަސީލަތްތަކާއެކުގައި ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ދައުލަތްތަކުގައި މަޖިލީހުގެ ދައުރު ބޮޑު ކަމަށާއި މީގެ ސަބަބުން އެކި ފަރާތްތަކާ، ޚާއްސަކޮށް ބައިނަލްއަގުވާމީ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވިގެންދާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސްމޯލް ބްރާންޗަސް ވޯކްޝޮޕްގައި ކުރެވޭ މަޝްވަރާތަކުގެ އަލީގައި އިތުބާރު ކުރެވޭ، ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާނެ މަޖިލިސްތައް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ހޮޓެލް ޖެންގައި 3 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ސީޕީއޭގެ މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި ނައިބުންނާއި އެކި ޤައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.