ޚަބަރު

އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ލުބްނާނުން 14 މީހަކު ޝަހީދުކޮށްލައިފި


އެމެރިކާ މެދުވެރިވެގެން ޤާއިމުކޮށްފައިވާ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީން ލުބްނާނަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި 14 މީހަކު ޝަހީދުކޮށްލުމާ ގުޅިގެން، އެ އެއްބަސްވުމަކީ އެއްވެސް މާނައެއް ނެތް އެއްޗެއް ކަމުގައި މުޖާހިދުންގެ ޖަމާޢަތް ޙިޒްބުالله އިން ބުނެފިއެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭހެން 37 މީހަކު ޒަޚަމުކޮށްލާފައިވާއިރު، މިއީ އެޕްރީލު 23 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުން އިތުރު ތިން ހަފުތާގެ މުއްދަތަކަށް އިތުރުކުރެއްވިކަން އިޢުލާނު ކުރެއްވިތާ މަދު ގަޑިއިރުތަކެއް ފަހުން ހިންގާފައިވާ ޖަރީމާތަކެކެވެ. ޙިޒްބުالله އިން ވަނީ މި ޙަމަލާތަކުގެ ރައްދުގައި ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނެއް ވައްޓައިލައި، ލުބްނާންގެ ދެކުނުގެ ބިންތަކަށް އަތްގަދަކޮށްގެން ތިބި ޔަހޫދީ ސިފައިންނަށް ޙަމަލާދީ އެކަކު މަރައިލައި ހަ މީހަކު ޒަޚަމުކޮށްލާފައެވެ.

ލުބްނާންގެ ޤާނޫނުހަދާ މަޖިލީހުގައި ޙިޒްބުالله ތަމްސީލުކުރައްވާ ޢަލީ ފައްޔާޟް ވިދާޅުވީ، ޔަހޫދީން ލުބްނާނުގެ ދެކުނުގެ ރަށްތައް ސުންނާފަތިކޮށް، މީހުން ޝަހީދުކުރުން ކުރިއަށް ގެންދާހާ ހިނދަކު ހަނގުރާމަ ހުއްޓައިލުމުގެ ވާހަކައަކީ ބޭކާރު ވާހަކަތަކެއް ކަމުގައެވެ. އަދި، ޚާރިޖީ ދާއިރާގައި ސުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށާއި، ޔަހޫދީންގެ ކޮންމެ ޙަމަލާއަކަށް އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ޔަހޫދީ ސިފައިން މިހާރު ވަނީ އަލް-ލަޔިޠާނީ ކޯރުގެ އުތުރުގައިވާ ހަތް އަވަށަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފައެވެ. މިއީ، އެޕްރީލު 16 ގައި ކަނޑައެޅި 5 އާއި 10 ކިލޯމީޓަރުގެ "ބަފަރ ޒޯން" ސަރަޙައްދުން ބޭރުގައިވާ އަވަށްތަކެކެވެ.

މާރިޗު 2 އިން ފެށިގެން ހިނގަމުންދާ މި ޙަމަލާ ބަދަލުކުރުންތަކުގައި ލުބްނާނުން މިހާތަނަށް 2,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރޭގައި 277 އަންހެނުންނާއި، 177 ކުޑަކުދިންގެ އިތުރުން 100 ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ. ޙިޒްބުالله އިންވެސް ވަނީ މި މުއްދަތުގެ ތެރޭގައި ޔަހޫދީ ޢާންމުންގެ ދެ މީހަކާއި ސިފައިންގެ 16 މީހުން މަރައިލާފައެވެ. އެމެރިކާއިން އިސްވެ ހުޅަނގު އޭޝިޔާގައި ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް، ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގެ ސަބަބުން ވަނީ ބޮޑު ހުރަސްތަކެއް ކުރިމަތިވެފައެވެ.